ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަން އިރުމަތީ ލަވާސް ފަސޭހަ ކަމާއެކު ބަލިކޮށް މާޅޮސް ފެށުން ރަނގަޅު ކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މިމެޗް މާޅޮސް ކާމިޔާބުކުރީ 5 ލަނޑު 1 ލަނޑުންނެވެ.
ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އަތޮޅުގެ ބައެއްރަތަކަށް ދައުވަތު ދީގެން ކުރިއަށްދާ މިމުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުން މޮޅުވި މާޅޮސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ހުސެން ވާފިރު، ހުސެން ރަޝާދު އަދި އަހުމަދު މުއައްވިޒްއެވެ. މި މެޗުގައި ވާފިރު ވަނީ 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.
އިރުމަތީ ލަވާސްއިން ޖެހި ހަމައެކަނި އެޓީމަށް ކާމިޔާބުކޮށްދިނީ ސާހީ މޫސާއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮސް ޓީމުގެ ހުސެން ރަޝީދުއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ދުސިތްތާނީ އާއި މިލައިދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގައި ދުސިތްތާނީ ޓީމުހެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސާޖިދުއާއި އާދަމް އިކްލީލްއެވެ.
މިލައިދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ޔާސިރުއާއި އުނައިސް ޒުބައިރުއެވެ.
ބ.ޔުނިޓީ ފުޓްސަލް ޗެލެންޖްގައި މިއަހަރު 10 ޓީމަކަށް ވަނީ ދައުވަތު ދީފައެވެ. އެއީ އޭދަފުށީ ތިންޓީމާ އަތޮޅު ތެރެއިން ބ.މާޅޮހާ ދަރަވަންދޫ ގެ އިތުރުން ބ.އަތޮޅުގައި ހިންގާ 5 ރިސޯޓްކަމަށްވާ ވެސްޓިން މިރިއަންދޫ، މިލައިދޫ، ދުސިއްތާނީ، ފޯސީޒަން ލަނޑާ ގިރާވަރު އަދި ނޮޓިލަސް ރިސޯޓްއެވެ.
ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މާދަމާވެސް ދެ މެޗެ ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މިމުބާރާތް 2 ފަހަރު ކާމިޔާބު ކޮށްފައިވާ އަދި މި މުބާރާތުގެ ފޭވަރިޓުންގޮތުގައި ބަލާ ފެއިމްސް ޔުނައިޓެޑާ ވެސްޓިން މިރިއަންދޫއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑާ ނޮޓިލަސް ރިސޯޓްއެވެ.
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް މިމުބާރާތް ކުރިއަށްގެންދަނީ އޭދަފުށީ ކްލަބް ދަ ބިގިނާރސް އިންނެވެ. މިއީ މިމުބާރާތް ބާއްވާ 6 ވަނަ އަހަރެވެ.