ފުވައްމުލަކު ސިޓީގައި ބޭއްވި ތިންވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް ޝީލްޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށް މުބާާރާތުގެ ޝީލްޑް ކުނަހަންދޫއިން މިލްކުކޮށްފިއެވެ.
މިއަދު މެންދުރުފަހު ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗު ކުނަހަންދޫއިން ކާމިޔާބުކުރީ މާލޭގެ ޓީމާއި ވާދަކޮށް 30 ލަނޑުގެ ތަފާތުންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ކުނަހަންދޫއިން ނިންމީ ކުޅެން އަރާށެވެ. އެގޮތުން އެޓީމު ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 99 ލަނޑު ހެދިއެެވެ. މި މެޗުގައި ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 53 ބޯޅައިން 42 ލަނޑު ހެދި ސުމައްޔާ ހަމީދުއެވެ.
ޖަވާބުގައި މާލޭގެ ޓީމު ކުޅެންއަރައި 16.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެޓީމަށް ހެދުނީ 69 ލަނޑެއެވެ. މި މެޗުގައި މާލޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 17 ބޯޅައިން 11 ލަނޑު ހެދި ފާތިމަތު އިނާސާއެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނީ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ކުނަހަންދޫ ޓީމުގެ ސުމައްޔާ ހަމީދްއެވެ. މުބާރާތުގެ އެންމެ މޮޅު އުކުންތެރިޔަކީ މަގާމް ހޯދީ މާލޭ ޓީމުގެ މަރިޔަމް އީޝަލްއެވެ. މުބާރާތުގެ އެންމެ މޮޅު ފީލްޑަރގެ މަޤާމް ހޯދީ ކުނަހަންދޫ ޓީމްގައި ހިމެނޭ ޤައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު ޝާމިލާއެވެ.
ސެޕްޓެމްބަރ 1 އިން ފެށިގެން 5 ގެ ނިޔަަލަށް ފުވައްމުލަކު ސިޓީގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި 4 ޓީމެއް ވަނީ ވާދަކޮށްފައެވެ. އެޓީމްތަކަކީ ޗެމްޕިއަން ކުނަހަންދޫ، މާލޭ އަދި ވިލިމާލޭގެ އިތުރުން ފުވައްމުލަކެއެވެ. މި މުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން 2017 ވަނަ އަހަރު ފެށި މުބާރާތެކެއެވެ.