ކުޅިވަރު

ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގެ ތިންވަަނަ ފުވައްމުލަކުން ހޯދައިފި


ތިންވަނަ ޤައުމީ ޓީ20 އަންހެން ކްރިކެޓް މުބާރާތުގެ ތިންވަނަ ފުވައްމުލަކުން ހޯދައިފިއެވެ.

ފުވައްމުލަކު ސިޓީގައި މިހާރު ކުރިޔަށްދާ ޤައުމީ އަންހެން ކްރިކެޓް މުބާރާތުގެ ތިންވަނަ ފުވައްމުލަކުން ހޯދީ މިއަދު ހެނދުނު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ވިލިމާލޭގެ ޓީމާއި ވާދަކޮށް 10 ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ޓޮސް ދިމާވެގެން ވިލިމާލޭގެ ޓީމުން ނިންމީ ކުޅެން އަރާށެވެ. އެގޮތުން އެޓީމު ކުޅެން އަރައި 15.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 41 ލަނޑެއެވެ. މި މެޗުގައި ވިލިމާލޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 3 ބޯޅައިން 4 ލަނޑު ހެދި އައިޝަތު ހަމްޒާއެވެ.

ޖަވާބުގައި ފުވައްމުލަކު ޓީމުން ކުޅެން އަރައި 4.2 އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 42 ލަނޑު ހަދާ މެޗު ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ މަގާމް ޔަގީންކުރިއެވެ. މި މެޗުގައި ފުވައްމުލަކު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 29 ލަނޑު ހެދި މަރިޔަމް ޒޫނާ މުހައްމަދުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފުވައްމުލަކު ޓީމުގެ އެސިސްޓަންޓް ކޯޗު ހަސަން މުތީޢު ބުނީ، މުބާރާތް ފެށިގެންއައިރު ކުޅުންތެރިންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ފެނުނު ކަމަށާއި، ނަމަވެސް މިއަދުގެ މެޗުގައި ޓީމެއްގެ ގޮތުގައި ފުވައްމުލަކު ޓީމު ޕާފޯމްކުރިކަމަށެވެ. މުތީޢު ބުނީ ކުރިޔަށްއޮތް ތަނުގައި ޓީމުގެ ފަރިތަކުރުންތައް ހުއްޓާނުލައި ކުރިޔަށްގެންދާނެކަމަށާއި، ކޮންމެ ހުކުރު ދުވަހެއްގައި ޕްރެކްޓިސް މެޗެއްވެސް ކުޅޭނެކަމަށެވެ.

"ޖުމްލަކޮށް ދެން މުބާރާތް ފެއްޓިގެން އައިރު ކުދިންގެ ކޮންމެވެސް ވަރެއްގެ ޕްރެޝަރ ހުރިކަން ފާހަގަވި. މިއަދު އެހުރިހާ ކަމެއް ގޮށްސަ އަސްލު ޓީމު ޓީމެއްގެ ގޮތުގައި ޕާފޯމްކޮށްފައި އެއޮތީ. ދެން ރަނގަޅު އެޗީވްމަންޓެއްކަމަށް ގަބޫލްކުރަނީ މިއީ. ދެން ޕްރެކްޓިސްތައް އަޅުގަނޑުމެން ކުރިޔަށްގެންދާނަން މުބާރާތެއް އޮތަސް ނެތަސް މިރަށުގެ ކުޅުންތެރިންނަށް އޮންނާނީ ޕްރެކްޓިސް ކުރުން ދެން މިރަށުގެ ތެރޭގައި އެއްޓީމު އަނެއް ޓީމާއި އެއްކޮށް މުބާރާތެއް ނުނީ މެޗުތައް ކޮންމެ ހުކުރު ދުވަހެއްގައި އިންނާނެ މެޗެއް ޝެޑިއުލްކޮށްފައި." މުތީޢު ބުންޏެވެ.

މި މެޗުގައި ފުވައްމުލަކު ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން މަރިޔަމް ޒޫނާ މުހައްމަދު މެޗަށްފަހު ބުނީ، މި މުބާރާތަށް ޓީމު ނުކުތީ ވަރަށް އައު ކުދިންނާއެކު ކަމަށާއި، މުބާރާތުގައި އެކުދިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. ޒޫނާ ބުނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ބަލިވި ނަމަވެސް ފަހު ދެ މެޗުގައި އައު ކުދިން ލައިގެން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ.

"ވަރަށް އައު ކުދިންނާއެކީ ކުޅުނު މެޗުތަކެއް ސޯ އަސްލު ހިތްހަމަޖެހޭ އެކުދިން ޕާފޯމަންސާއި ދޭތެރޭ ފަހު ދެ މެޗުގައި. ފުރަތަމަ ދެ މެޗުގައި ބަލިވިޔަސް ފަހު ދެ މެޗުގައި މޮޅިވީމަ އަސްލު ވަރަށް ހިތްހަމަޖެހޭ ހަމަ ވަރަށް އައު ކުދިން ލައިގެން މެޗުތައް ކުޅެ މޮޅުވީމަ." ޒޫނާ ބުންޏެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ މުބާރާތް ނިންމާލަން ޖެހުނު ވިލިމާލެ ޓީމުގެ ކޯޗު އާމިރު އަލީ ބުނީ، ޖުމްލަކޮށް ވިލިމާލެ ޓީމުގެ ކުޅުންތެރިންގެ އުމުރާއި ބަލާފައި ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަަމަޖެހޭކަމަށާއި، ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިއަކަށް މުބާރާތައް ނާދެވުމުގެ ސަބަބުން އެކަމުގެ އަސަރު ޓީމަށް ކުރިކަަމަށެވެ. އާމިރު ބުނީ މި ދެކުޅުންތެރިންގެ ބަދަލުގައި 10 އަހަރުގެ 2 ކުޅުންތެރިން ޓީމުގައި ހިމަނައި ހުރިހާ ކުޅުންތެރިންނަށް މުބާރާތުގައި ކުޅެލަން ފުރުސަތު ދެވުނީތީ ވަރަށް އުފާވާކަމަށެވެ.

"ޖުމްލަކޮށް މިއީ އަޅުގަނޑުމެންގެ ކުދިންގެ އޭޖްއާއި ބަލާފައި ދެއްކި ކުޅުން ވަރަށް ހިތްހަމަޖެހޭ. ދެން އަޅުގަނޑުމެންގެ ތެރެއިން 2 ކުއްޖަކަށް ނާދެވިފައި އެބަހުރި މުބާރާތައް ރަށުން ބޭރަށްދާން ބެލެނިވެރިންގެ ހުއްދަ ނުލިބިގެން. އެއީ ވަރަށް ބޮޑުތަނެއް އަސްލުގައި ޓީމަށް ދެއްކި. ދެން އޭގެ ބަދަލުގައި އަޅުގަނޑުމެން އައީ އުމުރުން 10 އަހަރުގެ 2 ކުޅުންތެރިން ގޮވައިގެން. އެއީ އަސްލުގައި އިންޓަނޭޝަނަލް މެޗެއްގައި ނުވެސް ކުޅެވޭނެ ދެ ކުދިން. އެހެންނަމަވެސް އަޅުގަނޑު ބޭނުންވީ އެ ދެކުދިންނަށް ފުރުސަތުދޭން". އާމިރު ބުންޏެވެ.

މި މުބާރާތުގައި ވިލިމާލޭގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެޓީމުގެ ކެޕްޓަން އައިޝަތު ހަމްޒާ މެޗަށް ފަހު ބުނީ، މުޅި މުބާރާތުގައި ޓީމު ދެއްކި ކުޅުން ރަނގަޅު ކަމަށާއި މި ޓީމުގައި ތިބީ ސްކޫލް ކުދިންކަމުން އެހެން ޓީމުތަކާއި ތަފާތުވާނެކަމަށެވެ. އައިޝަތު ހަމްޒާ ބުނީ ސްކޫލް ކުދިން ލައިގެން އެކުދިންނަށް ވުރެއް އުމުރުން ބޮޑެތި ކުޅުންތެރިންނާއި ވާދަކޮށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވި ނަމަވެސް ނަތީޖާއާމެދު ހިތްހަމަ ޖެހޭކަމަށެވެ.

"މުބާރާތުގައި ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަަމަޖެހޭ ޓީމު. އަސްލު ސްކޫލް ކުދިންތަކެއް ގޮވައިގެން އައިސް އެކުދިންނަށްވުރެއް އުމުރުން ބޮޑެތި ކުޅުންތެރިންނާއި ވާދަކޮށް މި ނަތީޖާ ނުކުތަސް ހިތްހަމަޖެހޭ". ވިލިމާލޭ ޓީމުގެ ކެޕްޓަން އައިޝަތު ހަމްޒާ ބުންޏެވެ.

ޖުމްލަ 4 ޓީމު ވާދަކުރާ މި މުބާރާތުގައި ފައިނަލްގައި މިއަދު މެންދުުރު ފަހު ބައްދަލުކުރާނީ މާލޭގެ ޓީމާއި މުބާާރާތުގެ އެންމެ ފަހުގެ 2 އަަހަރުގެވެސް ޗެމްޕިއަން ކުނަހަންދޫއެވެ. ކުނަހަންދޫ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. މާލޭގެ ޓީމު މުބާރާތުގައި ބަލިވީ އިއްޔެ ކުނަހަންދޫއާއި ބައްދަލުކުރި މެޗުން އެކަންޏެވެ.

މިއަދު މެންދުރު 2 ޖަހާއިރު މާލޭގެ ޓީމާއި ކުނަހަންދޫ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.