ލަވައާ ނުލާ ހިންދީ ފިލްމެއް ފުރިހަމަނުވާނޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ފިލްމްގެ ވާހަކައާއި އޭގާއި ހަރަކާތްތެރިވާ ތަރިންނާއި އެއްވަރަށް ރީތި ހިތްގައިމު ލަވަތަކެއް އެ ފިލްމެއްގައި ހިމެނޭތޯ މިއީވެސް މިހާރު ހިންދީ ފިލްމެއް ބަލާނަމަ، މީހުން އެނގެން ބޭނުންވާ ކަންކަމެވެ.
މިއާއެކު ފިލްމުގެ ރަހަ ހެޔޮވަރުކުރުމަށް ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ޚާއްސަ އަހައްމިއްޔަތުކަމެއް މިވަނީ ދޭން ފަށާފައެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދާ އެއްކަމަކީ ވީޑިއޯ ލަވަތަކުގައި ފެނިގެންދާ ސެޓާއި، ކޮސްޓިއުމްތަކަށް ކުރާ ޚަރަދު އެތައް ގުނައެއް އިތުރުވެގެންދާ ދިއުމެވެ. މިއާއެކު ފިލްމަށްވުރެ ބައެއް ލަވަތަކަށް ބެލުންތެރިންގެ މެދުގައި މަޤުބޫލުކަން މާބޮޑަށްވެސް ލިބިފައި އެބަހުއްޓެވެ.
އެގޮތުން މިފަހަރު މި ބަލާލަނީ ބޮލީވުޑްގެ އެންމެ އަގުބޮޑު ލަވަތަކުގެ ގޮތުގައި ގުނާލެވޭ ބައެއް ލަވަތަކަށެވެ.
ބޮލީވުޑްގެ އެންމެ އަގުބޮޑު ލަވަތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ އެއް ލަވައަކީ ޔޯޔޯ ހަނީ ސިންގްގެ "ޕާޓީ އޯލް ނައިޓް" މި ލަވައެވެ.
މި ލަވައަކީ 2013 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމް "ބޮސް"ގެ ލަވައެކެވެ. އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ބޮސްގެ "ޕާޓީ އޯލް ނައިޓް"އިން އަކްޝޭއާއެކު ސޮނާކްޝީ ސިންހާވެސް ފެނިގެންދެއެވެ.
"ޕާޓީ އެންތަމް" ތީމަކަށް ތައްޔާރުކޮށްފައިވާ މި ލަވައަށް 6 ކްރޯޑް ރުޕީސް ވަނީ ޚަރަދުކޮށްފައިވައެވެ. ލަވައިގެ ވީޑިއޯގައި އަކްޝޭއާއި ސޮނާކްޝީގެ އިތުރުން ހަނީ ސިންގްވެސް ފެނިގެންދެއެވެ. ބެންކޮކްގެ ކްލަބެއްގައި މުޅި ލަވަ ޝޫޓްކޮށްފައިވާއިރު، ބޭރުގެ ނެށުންތެރިންގެ ގޮތުގައި 600 ނެށުންތެރިން މި ލަވައިގައި ވަނީ ބޭނުންކޮށްފައެވެ. ބުނެވޭ ގޮތުގައި މި ލަވަ މިހާ އަގުބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީވެސް މިހާ ގިނަ ޢަދަދެއްގެ ނެށުންތެރިން ބޭނުންކޮށްފައިވުމެވެ.
އަކްޝޭގެ "ބޮސް"އަށް ބޮލީވުޑް ބޮކްސް އޮފީހުގައި އުއްމީދުކުރިވަރުގެ ކާމިޔާބީއެއް ނުލިބުންކަމުގައިވީނަމަވެސް، "ޕާޓީ އޯލް ނައިޓް" ވެފައިވަނީ 2013 ވަނަ އަހަރު އެންމެ ހިޓްވި އެއް ވީޑިއޯ ލަވައަށެވެ.
އެންމެ އަގުބޮޑު ލަވަތަކުގެ ތެރޭގައި ހިމެނޭ އަނެއް ލަވައަކީ "ދޫމް 3"ގެ "މަލަންގް" މި ލަވައެވެ.
އާމިރު ޚާނާއި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ "ދޫމް 3" އަކީ 2013 ވަނަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. ފިލްމާއި އެއްވަރަށް ފިލްމުގައި ހިމެނޭ ލަވަތަކަށްވެސް ބެލުންތެރިންގެ މެދުގައި ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްވަލައަކީ "މަލަންގް" މިލަވައެވެ. ސިދާތު މަހާދޭވަންއާއި ޝިލްޕާ ރާއޯ ކިޔާފައިވާ މި ލަވައަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެއް ސަބަބަކީ ލަވައައިގައި ފެނިގެންދާ ކޮރިއޮގްރާފުގެ އާދަޔާ ޚިލާފު މަސައްކަތެވެ.
"ތިއެޓްރިކަލް" ވައިބެއް ގެނެސްދޭ މި ލަވައިން އާމީރާއި ކެޓްރީނާގެ ފަރާތުން ޖިމްނާސްޓިކްގެ ތަފާތު ހަރަކާތްތަކެއް ފެނިގެންދެއެވެ. ލަވައަށް ތައްޔާރުވުމުގެ ގޮތުން މި ތަރިންނަށްވަނީ ޚާއްސަ ތަމްރީންތަކެއްވެސް ދީފައެވެ. ލަވަ ޝޫޓް ކުރުމަށްޓަކާ ޔާޝް ރާޖް ފިލްމްސްއިން ވަނީ 200 އަށްވުރެ ގިނަ ނެށުންތެރިން އެމެރިކާއިން، އިންޑިއާގެ މުމްބާއީއަށް ގެނެސް، އެމީހުންނަށް 20 ދުވަހުގެ ތަމްރީން ދީފައެވެ.
ލަވައިގައި ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކާއި، ސެޓުތައް ހިމެނޭހެން މި ލަވައަށް އެކަނިވެސް 5 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވެއެވެ.
2010 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމް "އެންތިރަން"އަކީ އިންޑިއާގެ ސިނަމާތަކަށް ނުކުތް އެންމެ އަގުބޮޑު ފިލްމްތަކުގެ ތެރޭގައި ގުނާލެވޭ ފިލްމެކެވެ.
ސައުތް އިންޑިއަން ފިލްމްތަކުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސުޕަރސްޓަރ ރަޖްނީކާންތާއި، ރީތީގެ ރާނީ އައިޝްވަރިޔާ ރާއީ ބަޗަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ސައިންސް-ފިކްޝަން ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިފިލްމް ބެލުންތެރިންގެ މެދުގައި ބޮޑަށް މަޤުބޫލުވެގެންދިޔައީ "ރޮބޮޓް" މި ނަމުންނެވެ. އެއް ބިލިއަން ކްރޯޑް ރުޕީސްއަށްވުރެ ބޮޑު ބަޖެޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ހިމެނޭ "ކިލިމަންޖާރޯ" މި ލަވައަށް އެކަނިވެސް 4 ކްރޯޑް ރުޕީސް ވަނީ ޚަރަދުކޮށްފައެވެ.
ޑްރައިބަލް ޑާސްގެ ޙަރަކާތްތަކަކާއެކު ތައްޔާރުކޮށްފައިވާ "ކިލިމަންޖާރޯ" މި ލަވަ ޝޫޓްކޮށްފައިވަނީ ޕޭރޫގެ ފަރުބަދަމަތީ ސަރަޙައްދެއްކަމަށްވާ މަޗޫ ޕިޗޫގައެވެ. ޖާވިދު ޢަލީ އަދި ޗިންމަޔީ ސްރިޕާދާ ކިޔާފައިވާ މި ލަވައިގައި އައިޝްވަރިޔާ ބޭނުންކޮށްފައިވާ ހެދުންތަކަށްވެސް ބޮޑު ޚަރަދެއްކޮށްފައިވެއެވެ.
"ގޯލްމާލް"ގެ ސީކުއަލްތަކަކީ ކޮމެޑީ ހިންދީ ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ހަމަގައިމުވެސް މަޤުބޫލު ސީކުއަލްތަކެކެވެ.
2008 ވަނަ އަހަރު ރިލީޒްކުރި ގޯލްމާލްގެ ދެވަނަ ސީކުއަލް "ގޯލްމާލް ރިޓާންސް"ގައި ހިމެނޭ "ތާ ތާކަރް ކޭ"އަކީވެސް ބޮލީވުޑްގެ އެންމެ އަގުބޮޑު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.
މި ލަވައިގެ ވީޑިއޯގައި "ގޯލްމާލް ރިޓާންސް"ގެ ލީޑް ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު ޚާން، އަރުޝަދު ވާރްސީ، އަމްރިތާ އަރޯރާ، ތުޝާރު ކަޕޫރު އަދި ޝްރެޔާސް ތަލްޕާޑޭއާއެކު އިތުރު 1000 ނެށުންތެރިން ފެނިގެންދެއެވެ. މި ލަވަ އަގުބޮޑު ވަނީ ހަމައެކަނި މި ސަބަބާހުރެ އެކަންޏެއްނޫނެވެ. މި 1000 ނެށުންތެރިންގެ އިތުރުން 180 ސްޓަންޓްމޭނުންވެސް ވަނީ ބޭނުންކޮށްފައެވެ.
ހަމައެހެންމެ އެންމެ އަގުބޮޑު ކާރުތަކުގެ ގޮތުގައި އެދުވަސްވަރު މަޝްހޫރުވި 10 ކާރެއްވެސް މި ލަވައިގައި ބޭނުންކޮށްފައިވެއެވެ. 12 ދުވަހު ޝޫޓްކޮށް ނިންމާލާފައިވާ މި ލަވައަކީ ތަމަޅަ ފިލްމް "ޝިވާޖީ- ދަ ބޮސް"ގައި ހިމެނޭ "އަތިރާދީ" މި ލަވަ އަސްލަކަށް ބަލައިގެން، ތައްޔާރުކޮށްފައިވާ ހިންދީ ރީމޭކެކެވެ.
އާއްމުންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ މި ލަވައަށް 3.5 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވަރުން ދަވަންއާއި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އަކީ 2014 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމެކެވެ.
ހެއްވާ މަޖާ އަދި ލޯބީގެ ތަފާތު ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ޙާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ފިލްމުގައި ހިމެނޭ ލަވަތަކަށްވެސް ބޮޑު މަޤުބޫލުކަމެއް ލިބިފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ލަވައަކީ ޕާޓީ ސޯންގެއްގެ ގޮތުގައި ހިމަނާފައިވާ "ސަތަޑޭ ސަތަޑޭ" މި ލަވައެވެ.
ވަރުންއާއި އާލިއާއާއެކު ގިނަ އަދަދެއްގެ ބެކްރައުންޑް ޑާންސަރުންތަކެއް ފެނިގެންދާ މި ލަވަ ޝޫޓުކޮށްފައިވަނީ އިންޑިއާގެ ފިލްމް ސިޓީގައެވެ. ލަވައިގެ ވީޑިއޯއިން މި ލަވައަށް ކޮށްފައިވާ ޚަރަދު މާ ބޮޑަށް ފާހަގަނުވިއެއްކަމަކު މި ލަވައަށްވެސް 3 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވެއެވެ.
"ސަތަޑޭ ސަތަޑޭ" މި ލަވަ ވެފައިވަނީ 2014 ވަނަ އަހަރު ނުކުތް އެންމެ ކާމިޔާބު ލަވައަށެވެ.
ބޮލީވުޑްގެ އެންމެ އަގު ބޮޑު ލަވަތަކުގެ ލިސްޓުން ދެން މި ޖެހިލަނީ މީގެ 59 އަހަރު ކުރިން ރިލީޒްކުރި ފިލްމެއްގައި ހިމެނޭ ލަވައަކަށެވެ.
1960ވަނަ އަހަރު ރިލީޒްކުރި "މުގަލް-އޭ އައުޒަމް" އަކީ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ތައްޔާރުކޮށް، ނެރުނު ކާމިޔާބު ފިލްމެކެވެ. ދިލިޕް ކުމާރު، މަދޫބާލާ އަދި ޕްރިތްވިރާޖް ކަޕޫރު ލީޑް ރޯލުތަކުން ފެނިގެންދާ މިފިލްމަކީ އެދުވަސްވަރު ނުކުތް އެންމެ އަގުބޮޑު އަދި އެންމެ ބުރަ މަސައްކަތެއް ފެނިގެންދާ ފިލްމެވެ. އިންޑިއާގެ ބޮކްސް އޮފީހުގެ ތާރީޚުގައިވެސް 5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި އެންމެ ފުރަތަމަ ފިލްމަކީވެސް މި ފިލްމެވެ. އަދި މިއީ ބްލެކް އެންޑް ވައިޓް ހިންދީ ފިލްމެއްގެ ކުލަ ކޮޕީއެއް ނެރުނު ފުރަތަމަ ފިލްމުވެސްމެއެވެ.
މި ފިލްމުގައި ހިމެނޭ "ޕްޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" އަކީ މިހާރުވެސް ގިނަ ބައެއްގެ ހިތްތަކާ ކުޅެލާފަދަ އަސަރުގަދަ ލަވައެކެވެ. ލަތާ މަންގޭޝްކަރުގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިންވެސް މި ފިލްމަށާއި ލަވައަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންކޮށްފައިވާ ބުރަ މަސައްކަތް ވަޒަންކޮށްލެވެއެވެ. މި ލަވައިގެ ސެޓް ތައްޔާރުކޮށްފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޝީޝް މަހަލް އަސްލަކަށް ބަލައިގެންނެވެ.
"އާއިނާ މަހަލް"ގެ ނަމުން ނަންދީފައިވާ މި ސެޓަކީ 150 ފޫޓު ދިގު، 80 ފޫޓު ފުޅާ އަދި 35 ފޫޓު އުސް ސެޓެކެވެ. ގިނަ އަދަދެއްގެ ބިއްލޫރި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ސެޓު ހެދުމަށްވެސް 2 އަހަރު ދުވަހުގެ މުއްދަތެއްނެގިއިރު، މި ލަވަ ހިމެނޭހެން މުގަލް-އޭ އާޒަމްގައި ހިމެނޭ ލަވަތައް ރިކޯޑު ކުރުމާއި، ފިލްމް ޝޫޓު ކުރުން އަދި ޕްރޮޑަކްޝަންގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 12 އަހަރު ހޭދަވިއެވެ.
މި ލަވައަށް އެކަނިވެސް 1 ލައްކަ ރުޕީސް ޚަރަދުކޮށްފައިވާކަމަށް ބެލެވޭއިރު، މިއީ 60 ގެ އަހަރުތަކުގައި ހިންދީ ފިލްމެއްގެ ލަވައެއް އުފެއްދުމަށް ބަލާނަމަ ބޮޑު އަދަދެކެވެ. ލަވައިގެ ސެޓަށާއި، ކޮސްޓިއުމާއި ގަހަނާތަކުގެ އަގު މިހާރަށް ބަލާނަމަ 6.75 ކްރޯޑް ރުޕީސްއަށް އަރާނެކަމަށް ބައެއް ފަރާތްތަކުން އަންދާޒާ ކޮށްފައިވެއެވެ. މި ލަވައިގައި ފެނިގެންދާ "އާއިނާ މަހަލް"އިން އިންސްޕަޔަރވެގެން މަޝްހޫރު ޑިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ވަނީ 2015ވަނަ އަހަރު އޭނާ ރިލީޒްކުރި ކާމިޔާބު ފިލްމް "ބަޖީރާއޯ މަސްތާނީ"ގައި "ދީވާނީ މަސްތާނީ"ގެ ނަމުގައި ޙާއްސަ ލަވައެއް ހިމަނާފައެވެ.