ޚަބަރު

"މަގޭ ހިޔަވަހި" ޕޯޓަލްގައި ރެޖިސްޓްރީވުމަށް ހެލްޕް ޑެސްކްތައް ޤާއިމުކޮށްފި


"މަގޭ ހިޔާވަހި" ޕޯޓަލްގައި ރެޖިސްޓްރީވުމަށް "ހެލްޕް ޑެސްކް"އެއް ހައުސިންގ މިނިސްޓްރީގައި ޤާއިމުކޮށްފިއެވެ. މަގޭ ހިޔާ ޕޯޓަލްއަކީ ހައުސިންގ ސްކީމްތަކަށް އެދުމުގައި ލުއިފަސޭހަކުރުމަށް ޤާއިމުކުރި ޕޯޓަލްއެކެވެ.

"މަގޭ ހިޔާވަހި" ޕޯޓަލްއަކީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން، ދޫކުރާ ފްލެޓްތަކަށް އެދި ހުށަހެޅޭނެ އޮންލައިން ޕޯޓަލެވެ. ޕޯޓަލް މެދުވެރިކޮށް ކުރިއާލާ މީހާއާގުޅޭ މަޢުލޫމާތުތައް ކޮމްޕިއުޓަރައިޒްކޮށް ރައްކާކުރެވޭނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝާމިން ވިދާޅުވީ ޕޯޓަލްގައި ރެޖިސްޓްރީވުމަށް ޑެސްކްތަކެއް ޤާއިމުކުރީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ. އަދި މި ޕޯޓަލްއަށް ވަނުމަށް ބޭނުންވާ "އީ ފާސް" އެކައުންޓް ހެދުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.

"މަގޭ ހިޔާވަހި" ޕޯޓަލްގައި ރެޖިސްޓްރީވުމަށް ޤާއިމުކުރި ހެލްޕް ޑެސްކުތަކުގެ ޚިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00އަށް ލިބޭނެއެވެ.

މަގޭ ހިޔާވަހި ޕޯޓަލްއަކީ އޮންލައިން ޕޯޓަލްއެކެވެ. ޑެޕިއުޓީ މިނިސްޓަރ ޝާމިން ވިދާޅުވީ މިފަދަ ޕޯޓަލްއެއްގެ އެންމެ ބޮޑު ބޭނުމަކީ ދުރާލައި މަޢުލޫމާތުތައް މިނިސްޓްރީއާ ޙިއްސާކޮށް ރައްކާކުރެވި ކިއުގައިނުޖެހި ޚިދުމަތް ހޯދުންކަމަށެވެ. އަދި ކަރުދާހުގައި ފޯމުތައް ގެންގުޅުމުގެ ބަދަލުގައި، ދިރިއުޅުމާއި، ދިރިއުޅުމުގެ ޙާލަތައް އަންނަ ބަދަލުތަކުގެ މަޢުލޫމާތުތައް ހިމެނުމުގެ ފުރުސަތު ފަސޭހަ ކަމާއިއެކު މި ޕޯޓަލްގެ ތެރެއިން ފަހިކޮށްދޭކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ފެށި މި މަސައްކަތުގެ ދަށުން ޕޯޓަލް އިފްތިތާޙްކޮށް ބޭނުން ކުރަން ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޕޯޓަލް މެދުވެރިކޮށް ކޮންމެ ދިވެއްސަކަށް، ބޭނުން ވަގުތަކު ބޭނުން ތާކު ހުރެގެން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ހޯދާ ސްކީމްތަކަށް އެދި ހުށައެޅޭނެއެވެ.

މިވަގުތު ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކަށް ހުށައެޅުމަށް ހުޅުވާލާފައެއް ނުވެއެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ސްކީމްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ލެވޭނެއެވެ.
"މަގޭ ހިޔާ" ޕޯޓަލްގައި މިހާތަނަށް 7441 މީހުންވަނީ ރެޖިސްޓްރީވެފައެވެ.

ސަރުކާރުންވަނީ ހުޅުމާލޭގައި އިތުރު 4000 ހައުސިނގ ޔުނިޓް އަޅުއްވާނެކަންވެސް އިޢުލާންކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ހައުސިންގ މަޝްރޫޢުތައް ހިންގުމަށްވެސްވަނީ ނިންމާފައެވެ.