ބިންގަނޑު ހަލާކުވުމާއި ހަނަފަސްކަމުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލު ހޯދުމަށް ބާއްވާ އދ. ގެ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން" (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި މިމަހުގެ 14 އިން 28 އަށް ކުރިއަށްދާ މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އަދި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ކޮޕް17 ގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ. ހަނަފަސްކަމުން ރައްކާތެރިވުމަށް އެކުލަވާލާ ޕްލޭންތައް އަމަލީ މައިދާނުގައި ތަންފީޒުކުރުމަށްޓަކައި، ކުރީބައިގައި އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމަށާއި، ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤްވާމީ ސިޔާސަތުގެ އޮނިގަނޑަކާ މެދު މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރަމުންނެވެ.
ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކާއި، ފަސްގަނޑު އަދި ވިނަދަނޑުތައް އަލުން އާރާސްތުކޮށް، "ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ" ނުވަތަ ބިންގަނޑު ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްވެސް ބައިވެރިން އަންނަނީ ބާރުއަޅަމުންނެވެ.
ހަނަފަސްކަން ދެނެގަތުމަށާއި، ފަސްގަނޑާއި ފެން މެނޭޖްކުރުމުގެ އިތުރުން، ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުދުރަތީ ވަސީލަތްތައް އާރާސްތުކުރުމަށް ސައިންޓިފިކް ހޯދުންތަކުގެ ބޭނުން ހިފުމަށްވެސް މި ސަމިޓުގައި ބޮޑު އިސްކަމެއް ދޭކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
"ރީސްޓޯރިންގ ލޭންޑް. ރީސްޓޯރިންގ ހޯޕް" ނުވަތަ "ބިން އާރާސްތުކުރުން، އުންމީދު އައުކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ސަމިޓުގައި، ރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކޮށްފައެވެ.
އެގޮތުން، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ ހައްލުތަކެއް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުން ވަނީ ދީފައެވެ.