ކުޅިވަރު

އެންބީއޭގެ ޗެމްޕިއަން ޓީމްގެ ކޯޗް ފިލް ހޭންޑީގެ ތަމްރީންތަކެއް މާލޭގައި ކުރިއަށް ގެންދަނީ


އެންބީއޭގެ މިއަހަރުގެ ޗެމްޕިއަން ޓީމް ޓޮރޮންޓޯ ރެޕްޓަރސްގެ އެސިސްޓަންޓް ކޯޗް ފިލް ހޭންޑީގެ ތަމްރީންތަކެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

ނެޝަނަލް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެންބީއޭ)އަކީ ދުނީޔޭގެ އެންމެ ވަރުގަދަ ބާސްކެޓް ލީގްއެވެ. މިލީގްގެ ޗެންޕިއަންކަން ދެ ކުލަބްއަކާއެކު ހޯދާފައިވާ ފިލް ހޭންޑީ މާލެއައުމަށްފަހު ބާސްކެޓް ބޯލްގެ ކުޅުންތެރިން އަދި ކޯޗުނަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އެމެރިކާއަށް އުފަން ފިލް ހޭންޑީވަނީ ބާސްކެޓް ކުޅުނު އިރުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ. އެންބީއޭގެ ނިމިގެންދިޔަ 2018-2019ގެ ސީޒަންގެ ޗެންޕިއަން ޓީމް ޓޮރޮންޓޯ ރެޕްޓަރސްގެ އެސިސްޓަންޓް ކޯޗް އަދި 2015-2016ވަނަ ސީޒަންގެ ޗެންޕިއަންކަން ހޯދާފައިވާ ކިލީވްލޭންޑް ކެވިލިއާރސްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި ފިލް ހޭންޑީވަނީ މަސައްކަތްކޮށްފައެވެ. އަދި ފޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ފިލް ހޭންޑީގެ ކޯޗުކަމުގެ ދަށުން ކުޅުނު ޓީމްތަށްވަނީ އެމްބީއޭގެ ފައިނަލްގައި ވާދަކޮށްފައެވެ. އެންބީއޭގެ ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ސީޒަންގައި ފިލް ހޭންޑީ ކޯޗްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ލޮސްއެންޖަލިސް ލޭކަރސްއަށެވެ.