ރާއްޖެއިން ބޭރުން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ހިނގާ ހުރިހާ ޚަރަދެއް ދައުލަތުން ދޭނެ އުސޫލެއް އަންނަ އަހަރުގެ ކުރިން ހަމަޖައްސައިދޭނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހު ވިދާޅުވީ، ބޮޑެތި ބަލިތަކަށް އެހީ ހޯދުމަށް ސަލާންޖެހުމުގެ އާދަ ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
ބޮޑެތި ބަލިތަކަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަނަމަވެސް ރާއްޖެއިން ބޭރުގައި ތިބޭއިރު ހޮސްޕިޓަލުގައި ހިނގާ ޚަރަދުގެ އިތުރަށް ކެއުމާއި ހުރުމާއި މިނޫނަސް އިތުރު ގިނަ ޚަރަދުތަކެއް ހިނގާކަން ފާހަގަކުރެވޭކަމަށާއި، އެ ޚަރަދުތަކަކީ އާސަންދައިން ހަމަޖެއްސޭ ޚަރަދުތަކެއް ނޫންކަމަށް އައްޒާމް ވިދާޅުވިއެވެ.
އެހެންކަމުން ބައްޔަކަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދާއިރު ޚަރަދުތައް ބޮޑުވެގެން އެ ޚަރަދުތައް
ކުރަން ދަތިވާ ފަރާތްތަކަށް ދައުލަތުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން އެހީ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް އައްޒާމް ވިދާޅުވިއެވެ. އެގޮތުން ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކުގެ ހުރުމުގެ ޚަރަދާއި ކެއުމުގެ ޚަރަދާއި އެނޫންވެސް ޚިދުމަތްތަކަށް ޚަރަދުވާ ފައިސާ ހަމަޖެއްސުމަށް ރައްޔިތުން ސަލާންޖަހަން ނުޖެހޭ ގޮތަކަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެ ޚަރަދު ކުރެވޭނެގޮތަށް ޤާނޫނަށް ބަދަލުތަކެއް ގެންނަވައިގެންނަމަވެސް އަންނަ އަހަރުގެ ކުރިން އެކަން ހަމަޖައްސާނެކަމަށް އެންސްޕާގެ ސީއީއޯ ވިދާޅުވިއެވެ.
"ބޭސްފަރުވާއަށްވުރެ ބޮޑަށް އިތުރު ޚަރަދުތައް މިސާލަކަށް ބޭރަށް ގޮސްތިބޭ މުއްދަތުގެ ހުރުމާއި ކެއުމާއި އެނޫންވެސް ޚިދުމަތްތައް ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ބޭރުން ހިނގާ ޚަރަދުތައްވެސް އެބަހުރި. އެ ޚަރަދުތަކަކީ އާސަންދާގަ ހިމެނޭ ޚާރަދުތަކެއް ނޫން. އެފަދަ ކަންކަން ޕެކޭޖުތެރޭގައި ހިމެނޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިކުރަނީ." އައްޒާމް ވިދާޅުވިއެވެ.
ރާއްޖެއިން ފަރުވާ ނުހޯދޭ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްތިބޭއިރު ހިނގާ ޚަރަދުތައް ހަމަޖެއްސުމަށް ފަންޑު ފޮށި ބެހެއްޓުމާއި ޖަމްޢިއްޔާތަކާއި ވިޔަފާރި ވެރިންގެ ފަރާތުން އެހީ ހޯދުމާއި، "ކަޕް ކޭކް"ފަދަ ތަކެތި ވިއްކައިގެންވެސް އެހީ ހޯދުން ވަނީ ފަހަކަށް އައިސް ޢާންމުވެފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވައި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެކަމަށް ޙައްލެއް ގެނައުންކަމަށް އެންސްޕާގެ ސީއީއޯ ވިދާޅުވިއެވެ.