ކަނޑު ދަތުރުފަތުރުގެ މިނިވަންކަން ޙިމާޔަތްކޮށް ކަށަވަރު ކޮށްދިނުމަކީ ބައިނަލްއަޤުވާމީ ސީރިޔަސް އެއްބާރުލުމެއް ބޭނުންވާ ޒިންމާއެއް ކަމުގައި، ނިއު ޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ 81 ވަނަ ޖަލްސާގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު ވިދާޅުވެއްޖެއެވެ. ސަރަޙައްދީ ސަލާމަތީ އިންތިޒާމުތައް ވާންވާނީ ފުރިހަމަ ޝާމިލު އެއްޗަކަށް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބައިނަލްއަޤުވާމީ ޞުލްޙައާއި ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ޒިންމާ އަދާނުކުރެވޭ ކަމުގައި އަމީރު ފައިޞަލް ވިދާޅުވިއެވެ.
ހުރްމުޒް ކަނޑުއޮޅިއާއި، ބާބުލް މަންދަބް ކަނޑުއޮޅިއާއި، ރަތް ކަނޑު އަދި ޢަދަން ކަނޑު ހިމެނޭހެން ބައިނަލްއަޤުވާމީ ހުރިހާ މަގުތަކެއްގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމުގައި ވަޒީރު ބަޔާންކުރެއްވިއެވެ. ހުރްމުޒް ކަނޑުއޮޅީގެ ކަންކަން، އެއްވެސް ފީއެއް ނުވަތަ ޓެކުހެއް ނެގުމެއްނެތި ފެބުރުވަރީ 28 ގެ ކުރިން އޮތް ޙާލަތަށް ބަދަލުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ފަދަ މުހިންމު ސަރަޙައްދުތައް ޤައުމުތަކަށް ބިރުދައްކައި ގެއްލުންދޭ ވަސީލަތަކަށް ހެދުން ސަޢޫދީ ޢަރަބިއްޔާއިން ބަލައިނުގަންނާނެ ކަމުގައި އަމީރު ވިދާޅުވިއެވެ. ހަމަމިއާއެކު، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ޓަކައި ޤަޠަރާއި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ރިޔާޟުން ތާއީދުކުރާން ކަން އޭނާ ހާމަކުރެއްވިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އަމީޒު ފައިޞަލް ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ނެރެލުމަށް ކުރާ މަސައްކަތްތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަންކަން ކަމުގައެވެ. މީގެއިތުރުން، ޔަހޫދީންގެ ޣައިރުޤާނޫނީ ވަޒަންވެރިވުންތައް މެދުކެނޑުމެއްނެތި ފުޅާކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ޢަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސޫރިޔާގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ އެންމެހައި ކަންކަމާ ސަޢޫދީ ޢަރަބިއްޔާއިން ދެކޮޅުހަދާކަން ތަކުރާރުކުރައްވަމުން، ނިރުބަވެރިކަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް އަމީރު ފައިޞަލް މަރުޙަބާ ވިދާޅުވިއެވެ. އަދި، ޢިރާޤުގެ މިނިވަންކަމާއި، ސިޔާދަތާއި، ސަލާމަތަށް ސަޢޫދީ ޢަރަބިއްޔާއިން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އަވައްޓެރި ޤައުމުތަކަށް ހަމަލާ ދިނުމަށް ޢިރާޤުގެ ބިން ބޭނުންކޮށްގެން ނުވާނެ ކަމުގައި ވެސް އަމީރު ފައިޞަލް ވިދާޅުވިއެވެ.