ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީއަށް 3000 މެންބަރުން ހަމަކުރެވިފައިވާކަމަށާއި، ނުވަދިހަ ދުވަހުގެ ތެރޭގައި އެޕާޓީގެ ކޮންގްރެސް ބާއްވާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީއަށް މެންބަރުން އިތުރުކުރުމަށް ބޮޑުތަކުރުފާނު މަގު 7 ނަންބަރު ފާލަން ސަރަހައްދުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ލީޑަރަކަށް ދާދިފަހުން ޢައްޔަނުކުރި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ޢާންމުކުރި ތަފާސް ހިސާބުގައި އެޕާޓިގެ މެންބަރުންގެ ޢަދަދު ތިންހާސް ހަމަނުވިނަމަވެސް މިހާރު އެ ޢަދަދު ހާމަކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ނުވަދިހަ ދުވަހުގެ ތެރޭގައި ކޮންގްރެސް ބާއްވާނެކަމަށެވެ.
ޖާބިރު ވިދާޅުވީ، ކޯޓްތަކުގައި އޮތް އެޕާޓީގެ ދަރަނި ވަރަށް އަވަހަށް ޚަލާސްކޮށް އެޕާޓިގެ މެންބަރުންގެ ޢަދަދު ދިހަހާހަށް އިތުރުކުރާނެކަމަށެވެ. މިއަދުވެސް ޖާބިރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާނެކަމަށް ވިދާޅުވެފައެވެ.
ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް އިތުރުކުރަން ހުށައެޅި ބިލް މަޖިލީހުން ބޭރުކޮށްލިކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، ސަރުކާރު ކުރިއަށްދަނީ ވަރަށް މަޑު ދުވެއްޔެއްގައިކަމަށެވެ. އަދި މަސައްކްއަތްތެރިންނަށް ދޭ އުޖޫރައިގެ އެންމެ ކުޑަމިންވަރުކަމަށް މަދުވެގެން 10000 ރުފިޔާ ދިނުމަށް ލާޒިމްކުރާ ބިލެއް މަޖިލީހަށް ހުށައަޅާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޑީއާރުޕީއަކީ ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ.ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދި ޑީއާރުޕީގެ އެތެރޭގެ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގައި ތިއްބެވި އިސް ފަރާތްތައް ޕާޓީން ދުރައްވަޑައިގެންނެވިއިރުން ފެށިގެން މިހާތަނަށް އެޕާޓީގެ ސިޔާސީ ހަރަކާތްތައްއޮތީ ހުއްޓިފައެވެ. އަދި ބޮޑެތި އަދަދުތަކުން އެޕާޓީވަނީ ދަރަނިވެރިވެސްވެފައެވެ. ކުރިއަށް އޮތްތަނުގައި ޑީއާރުޕީގެ ދަރަނި ކުޑަކޮށް، ސިޔާސީ ޕާޓީތަކުގެ ޤާވާއިދާއެއްގޮތަށް ހިންގުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެޕާޓީގެ އައު ލީޑަރޝިޕުން ނިންމާފައިވާކަމަށް އެޕާޓީން ބުނެއެވެ.