ޚަބަރު

ސައްހަނޫން މަޢުލޫމާތު ހިއްސާކުރި މައްސަލައިގައި ސަޢުދުއަށް ދައުވާކޮށްފި


  • ސަޢުދުގެ މައްޗަށް 2 ދައުވާއެއް އުފުލަން ކޯޓަށް ވަނީ ހުށަހަޅާފައި

  • މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަމަހު

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ސައްހަ ނޫން މައުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސަޢުދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި ސަޢުދުގެ މައްޗަށް ދެ ދައުވާއެއް އުފުލުމަށް ކޯޓަށް ވަނީ ފޮނުވާފައެވެ.

ގދ. ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރަށުގެ އާބާދީއާއި ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ޙިއްޞާކޮށްފައިވާކަމަށް ތުޙުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުުރުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ސަޢުދު ޢަލީގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. މީގެ ތެރެއިން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުންނެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި ދައުވާ ސަޢުދުގެ މައްޗަށް އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބުމަށް ފުރިހަމަވާންޖެހޭ 10,000 މީހުންގެ އާބާދީ ހަމަވާކަން ދެއްކުމަށް 4 ސެޕްޓެންބަރު 2022 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއަށް ފޮނުވި ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވުމެވެ. މީގެ އިތުރުން، އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ފޮނުވަން އެލްޖީއޭއިން އެންގުމުން، 14 އޮގަސްޓު 2023 ގައި އަލުން ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10,150 ކަމަށް ބުނެ ސައްހަނޫން ލިސްޓެއް ސަޢުދު ސޮއިކޮށް ހިއްސާކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ސަޢުދުގެ މައްޗަށް އުފުލާފައިވާ، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކީ ގާނޫނުގެ 521 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ދައުވާ ކޮށްފައިވަނީ، ތިނަދޫ ކައުންސިލުން އެލްޖީއޭއަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް އެފަދަ ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ 17 ޑިސެންބަރު 2025 ގައި ފެކްސް މެސެޖެއް މެދުވެރިކޮށް ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.