ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ނިވަންކަމުން މަޙްރޫމުވެދާނެ އެންމެ ހިނދުކޮޅެއްވެސް މިޤައުމަށް ކުރިމަތި ވެގެންވާނެކަމަށް، ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެ ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މިޔަޤީންކަން ރައީސްދެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބު ފެށްޓެވީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް ޤައުމީ ބަޠަލުން ކުރެއްވި ޤުރުބާނީ އާކުރައްވަމުންނެވެ. އެގޮތުން ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ކުރެއްވި ބުރަމަސައްކަތުގެ ހަނދަން އައުކުރައްވައި ރައީސް ވިދާޅުވީ، ވެރިއެއްގެ ޙަޔާތުގައި ޙާޞިލުވާ ކޮންމެ ކާމިޔާބެއްގެ ވަށައި، ވަރަށް ގިނަ ސިއްރާއި ސަބަބުތައް އެކުލެވޭނެކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ނުގުޑާފަދަ ޢަޒުމާއި ހިތްވަރާއި އިޚްލާޞްތެރި ތެދުވެރި ނިޔަތާއި ބުރަމަސައްކަތް ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ތެދުފުޅެއް. މިދޮށީ ޤައުމާއި، މިފުން ތާރީޚުގެ ފުށި ރަށްތަކުގެ މައްޗަށް، އިސްތިޢުމާރީ އުދަބާނިތައް ހޮޅިލައި މުގުރި. ބިދޭސީ މުށްތަކުގެ ތެރޭގައި ދިވެހީން އަޅުވެތިވެ، އަޅުދާސްވާން މަޖުބޫރުވި. ނަމަވެސް ޢަދުއްވުންގެ ފަންވަރުގެ މައްޗަށް ކުރި ހޯދީ، ކާބަފައިންގެ ހިތްވަރު. ދިވެހި ތާރީޚުގެ މިއަދުގެ ޞަފްޙާތަކުގައި، ފެއްސާއި ރަތާއި ހުދުން، މިނިވަންކަމުގެ ކުލަޖެހެމުން އެދަނީ، އުތީމު ތިން ބެއިންނާއި، ޢަލީ ރަސްގެފާނާއި ދޮންބަންޑާރައިން ފަދަ، އެތައް ބަޠަލުންނެއްގެ ހޫނު ލޭފޮދުން، މިބިމަށް ގެނެސްދެއްވި ދިރުމުން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިން ސަމާލުކަންދޭންޖެހޭ ކަންކަން މިހާރު ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ. އެއީ ކަނޑިބަޑިއާއި ސިލޭހައިގެ ހަނގުރާމަތައް ފިކުރީ އޮއިވަރަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަފާތު ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނަޅައި ދިޔުމުގެ ވިސްނުން މިހާރު އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ އަނެކާގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ނުކުރުމުގެ ސަގާފަތް އަށަގަންނަމުންދާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދުގެ ކަންބޮޑުވުންތައް ތަފާތު. އެއީ އަނެކާގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ނުކުރުމުގެ ސަގާފަތް. ތަޙައްމަލްކުރުން ނެތިގޮސް، ކެތްތެރިކަން ކޮޅުންލުން. ތިމާގެ ގޮތް ނޫން ގޮތަކީ، ނެތް ގޮތެއް ކަމަށް ޤަބޫލުކުރުން. ނަމަވެސް، ހައްދުފަހަނަޅައި ދިޔުމަކަށް އަޅުގަނޑުމެން ނުރުހެން. ނިރުބަވެރިކަމާ ދެކޮޅަށް އަޅުގަނޑުމެން މިތިބީ، ބައިނަލްއަޤްވާމީ ގުޅުންތަކުން ބަނދެވިގެން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، އެޙައްޤުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް، މިޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
"މިނިވަން ދުވަހުގެ އުފާވެރި އިޙްސާސްތަކާ ބައްދަލުކުރާއިރު، އިއްޔެ އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި، މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާމެދު ވިސްނައިލުމަކީ، ވަރަށް މުހިންމު ކަމެއް. ހަމަގައިމުވެސް، މި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުފަހުން، އެ މިނިވަންކަން މުޅިން ގެއްލިގެންދިޔަ ދުވަހެއް ރާއްޖެ ދެކެފައެއްނުވޭ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ފުރިހަމަ މިނިވަންކަމެއް އިޙްސާސް ކުރެވޭނީ، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ޙާޞިލުކުރަން އެދޭ ކޮންމެ ކަމެއް ޙަޤީޤަތަކަށް ހެދޭނެކަމުގެ ޔަޤީންކަން ލިބިގެންވާ މާޙައުލެއް އުފެދިގެންކަމަށް ވިދާޅުވިއެވެ. އެފަދަ މާޙައުލެއް އުފެއްދުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.