އައްޑޫ ސިޓީގައި މިއަދު ފަށާ 15 އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް އިންޓަނޭޝަނަލް މުބާރާތަށް މުޅި އައްޑޫ ސިޓީ ތައްޔާރުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިއަދު ހަވީރު ފަށާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން 3 ޤައުމެއްގެ 15 އަހަރުން ދަށުގެ ޓީމުތައް ބައިވެރިވެއެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދަ ދެޓީމު ފައިނަލުގައި ކުޅޭ އުސޫލުންނެވެ.
މި މުބާރާތަށް އެފްއޭމްއާއި އައްޑޫ ސިޓީ ކައުންސިލުން މީގެ މަހެއްހައި ދުވަސްކުރިން ވަނީ ތައްޔާރު ވާން ފަށާފައެވެ.
އެފްއޭމް އިން ދެކެނީ މިއީ ކުރިއަށްއޮތް ދުވަސްތަކުގައި އަތޮޅުތަކުގައި ރަަށްރަށުގައި މިފަދަ ގިނަ މުބާރާތްތަށް ބޭއްވުމަށް އެޅޭ ފިޔަވަޅެއް ކަމުގައެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އދީލް ޖަލީލް ވިދާޅުވީ އައްޑޫގައި ބޭއްވޭ މިމުބާރާތަކީ މިފަދަ ފުރަތަމަ މުބާރާތަށް ވުމުން މުމުބާރާތް ވަރަށް ޚާއްސަ ވެގެން ދާކަމުގައެވެ.
"މީތި އިތުރަށް ޚާއްސަވެގެންދާ އެއްސަބަބަކީ އައްޑޫ އަތޮޅުގައި އަލަށް މާލެއިން ބޭރުގައި އިންޓަނޭޝަނަލް މުބާރާތެއް ބޭއްވިގެން މިދަނީ، އަދި އެއީވެސް ޔޫއެފާގެ އެހީ ތެރިކަމާއެކު ބޭއްވިގެން ދާ މުބާރާތެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއީ އަތޮޅުތެރޭގައި އިންޓަނޭޝަނަލް މުބާރާތްތަކެއް ބޭއްވުމަށް ފުރަތަމަ ކުރެވިގެންދާ މަސައްކަތޭ. މިމުބާރާތް ކާމިޔާބު ކަމާއި އެކު ނިންމާލެވިއްޖެ ނަމަ ކުރިމަގުގައި ވެސް ގިނަ އިންޓަނޭޝަނަލް މުބާރާތްތަކެއް އަތޮޅުތަކުގައި ބޭއްވިގެން ދާނެ." ބައްސާމް ވިދާޅުވިއެވެ.
އައްޑޫސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީއާއި އެފްއޭއެމްއާއެކު އައްޑޫގެ ގިނަ މުއައްސަސާތަކުން ތައްޔާރީތަށް ވަނީ ވެފައެވެ. އެގޮތުން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުރަންހުރި ގިނަ މަރާމާތުތަކެއްކޮށް ޕްރެކްޓިސް ކުރުމަށް ބޭނުންވާ ޓާފް ދަނޑުވެސް ވަނީ ތައްޔާރު ކޮށްފައެވެ. މީގެ އިތުރުން މުބާރާތަށް މަގުތަށް ހަދައި ގިނަ މަސައްކަތް ކުރެވިފައިވެއެވެ.
އައްޑޫސިޓީ މޭޔަރ ވިދާޅުވިގޮތުގައި އައްޑޫގެ ރައްޔިތުންނަކީ އަބަދުވެސް ފުޓްބޯޅަކުޅުމަށް ލޯބިކުރާ ބައެއް ކަމުގައެވެ. އަދި އަައްޑުއަށް ނިސްބަތްވާ ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން އޭރުވެސް މިހާރުވެސް އެބަތިބިކަން މޭޔަރ ފާހަގަ ކުރެއްވިއެވެ. މޭޔަރ ވިދާޅުވިގޮތުގައި މީގެ އެންމެ މުހިންމު ކަމަކީ އައްޑޫގެ ގިނަމީހުން ކުޑަކުދިން ގޮވައިގެން މިފަދަ މުބާރާތެއް ބަލާލަން އައުންކަމަށެވެ.
"އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ފުޓްބޯޅަ ކުޅޭ ގިނަ ކުޅުންތެރިން ނިސްބައްވާ ތަނެއް. އެންމެވެސް ފޯރިއާއި މަޖަލުގައި ކުޑަކުދިންނާއެކު މިމެޗްތަށް ބަލަން އައުން މުހިންމު." މޭޔަރ ވިދާޅުވިއެވެ.
މުބާރާތުގެ ކުޅުން މިއަދު ފެށިގެން ދާއިރު އެންމެ ފުރަތަމަ ކުޅޭނީ ރާއްޖެ އާއި ބޫޓާންގެ މެޗެވެ. މިމެޗަށް ދެޓީމު ވެސް ފުރިހަމައަށް ތައްޔާރުކަމަށް ދެޓީމުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގެ ޤައުމީ ޓީމް ކޯޗް އިބްރާހިމް ހަލީމް (ޖަޑާ) ބުނީ މިއަދު މެޗަށް ނިކުންނަނީ މޮޅުވާން ކަމަށެވެ.