ޚަބަރު

ނައިފަރާއި ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އަޅަނީ


ޅ.ނައިފަރާއި، ބ.ތުޅާދޫގައި ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ނައިފަރާއި ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ނައިފަރުގައި ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެވެ. ޑިޒައިންގ އެންޑް ބިލްޑް އުސޫލުގެ ދަށުން ނައިފަރުގައި 3ބުރިއާއި 4ބުރީގެ އެޕަރޓްމަންޓް ބިލްޑިންގ ތަކެއްގެ ގޮތުގައި 100 އެޕަރޓްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.

1100 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާ މި އިމާރާތްތަކުގެ ކޮންމެ އެޕާޓްމަންޓެއްގައި 3ކޮޓަރިއާއި، 3ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ރޫމް ހުންނާނެއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ 71 މިލިއަން 4 ލައްކަ ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 10 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ނައިފަރުގައި ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ އެރަށުގެ ހިއްކާފައިވާ ސަރަޙައްދުގައި ކަމަށެވެ.

5000އަށް ވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅޭ ނައިފަރުގައި 100 ހައުސިންގ ޔުނިޓް އަޅާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިއުލާން ކުރެއްވީ މިދިޔަ މަރޗްމަހު ނައިފަރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ނައިފަރު ގެ ބިމުން އިތުރު 52 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ނައިފަރުގެ އިތުރުން ބ.ތުޅާދޫގައި 100ހައުސިންގ ޔުނިޓް އެޅުމަށްވެސް ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖިނިއަރިންގ ސަރިސަސް އާއި ޕްލްކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏާއެވެ.

މި މަޝްރޫޢުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރާނެއެވެ. 1100 އަކަފޫޓުގެ ބިމުގައި ހަދާ މި ހައުސިންގ ޔުނިޓްތަކުގައި 3 ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގރޫމާއި ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ރޫމް ހިމެނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށް 79 މިލިއަން 6 ލައްކަ ރުފިޔާއަށެވެ. ބ.ތުޅާދޫ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ތުޅާދޫގައިވެސް ހައުސިންހ ޔުނިޓް އަޅަނީ އެރަށުން ހިއްކާފައިވާ ސަރަޙައްދުގައެވެ.

ތުޅާދުގެ އާބާދީގައި 2000އެއްހާ މީހުން ދިރިއުޅެއެވެ.