ކުޅިވަރު

އެކުވެރިކަމުގެ މެޗުތަކުން ބޭނުންވަނީ ސަރބިޔާގެ ޓީމްތަކުން ގިނަ ކަންކަން ދަސްކުރަން - ކޯޗު ސާޖިދު


ތަމްރީން ދަތުރުގައި ކުޅޭ މެޗްތަކުން ބޭނުންވަނީ ސަރބިޔާގެ ޓީމްތަކުން ވީހާވެސް ގިނަ ކަންތައްތަކެއް ދަސްކުރަންކަމަށް ޤައުމީ ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ.

މިމަހުގެ 17ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވަމުންދާ ގައުމީ ވޮލީ ޓީމް ރޭގައިވަނީ ސަރބިޔާގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ޕާޓިޒަން އާއި ވާދަކޮށް ބަލިވެފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ކޯޗް މުޙައްމަދު ސާޖިދު ބުނީ ސަރބިޔާގައި މިކުޅޭ މެޗުތަކަކީ ކޮންމެހެން މޮޅުވާން ކުޅޭ މެޗްތަކެއް ނޫންކަމަށާއި މިމެޗްތަކުން އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖެއަށް ވުރެއް ދިގު ކުޅުންތެރިންނާއެކު ކުޅެގެން މޮޅުވާނެ ގޮތްތައް ދަސް ކުރުންކަމަށެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރީޔޫނިއަން އަދި ޝީޝެލްސް ޓީމަކީ އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

ކޯޗް ސާޖިދު ބުނީ ސަރބިޔާއަކީ ވޮލީގައި ވަރުގަދަ ގައުމެއްކަމަށާއި މި މެޗްތަކުން ބޭނުންވަނީ މިފަދަ ޓީމްތަކާއި ދެކޮޅަށް ރާއްޖޭގެ ޓީމްއިން ކުޅޭނީ ގޮތްތައް ހޯދުންކަމަށެވެ.

" އަޅުގަނޑުމެން ސާބިޔާއަށް އައީ ވަކި މެޗްތަކަކުން މޮޅުވެގެން، ރާއްޖޭގެ ޓީމްގެ މޮޅުކަން ދައްކާކަށް ނޫން. ސާބިޔާގައި މިކުރާ ކޭންޕްގެ އެންމެ ބޮޑު ބޭނުމަކީ، ސާބިޔާގެ ވަރުގަދަ ޓީމްތަށް ކައިރިން ގިނަ ކަންތަށްތަކެއް ދަސްކުރުން. ޓެކްނިކަލީ ގޮތުން ގިނަ ކަންތަށްތަކެއް ދަސްކުރުން. ރާއްޖޭގެ ޓީމްގެ ސާވިސް އަދި ރިސީވްތަށް ރަގަނޅު ކުރެވޭގެ ގޮތްތަށް ދަސްކުރުން. ސާބިޔާގެ ޓީމްތަށް ފަރިތަކުރާ ގޮތްބަލާ، އެޓީމްތަށް ކައިރިން ވީހާވެސް ގިނަ ކަންތަށްތަކެއް ދަސްކުރުން މިކޭންޕްގެ އެންމެ ބޮޑު ބޭނުމަކީ. މިހާރުވެސް ސާބިޔާގެ އެސޯސިއޭޝަންއިންވަނީ ވަރަށް ގިނަ ކަންތަށްތަކަށް އެހީވެފަ. މިމެޗްއިންވެސް ވަރަށް ގިނަ ގޯސްތަށް ފާހަގަކުރެވިއްޖެ. ކުރިއަށް ހުރި ފަރިތަކުންތަކުގައި އެކަންތަށްތަށް ރަގަނޅު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." ކޯޗް އިސްމާޢިލް ސާޖިދު ބުންޏެވެ.

ކޯޗް މުޙައްމަދު ސާޖިދު ބުނީ ކުރިންވެސް އެންމެ ގިނައިން ރާއްޖޭގެ ޓީމްތަކުގެ ބަލިފަޔަކީ ސާވިސްތަކާއި ރިސީވްކަމަށެވެ. އަދި މިހާރު މިދެކަންތައް ރަނގަޅު ކުރާނެގޮތްތައް ސަރބިޔާގެ ވޮލީ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ހުރި ފަރިތަކުންތަކުގައި ދެނެގަނެވޭނެކަމަށް އޭނާ ބުންޏެވެ.