ކުޅިވަރު

ސާބިޔާގައި ކުޅުނު ފުރަތަމަ މެޗުގައި މޮޅުކުޅުމެއް ދެއްކިނަމަވެސް ދިވެހި ޓީމް ބަލިވެއްޖެ


ސަރބިޔާގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ކުޅުނު ފުރަތަމަ މެޗުން ޕާޓިޒަން އަތުން ބަލިވެއްޖެ އެވެ. ސަރބިޔާގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމް ތަމްރީން ހަދަމުންދަނީ މިމަހުގެ 17ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ތަމްރީން ދަތުރުގެ ފުރަތަމަ މެޗުގައި ދިވެހި ޓީމް ނިކުތީ ސަރބިއާގެ ފުރަތަމަ ޑިވިޝަންގެ ޓީމެއްކަމަށްވާ ޕާޓިޒަންއާއި ދެކޮޅަށެވެ. މިމެޗް ޕާޓިޒަން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 2 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ރާއްޖެއިން ގެންދިޔައީ 25-18އިންނެވެ. ޖެހިގެން އައި ދެ ސެޓް ޕާޓިޒަންއިން ކާމިޔާބުކުރީ 20-25 އަދި 22-25އިންނެވެ.

މި ދެ ސެޓްގައިވެސް ރާއްޖޭގެ ޓީމުން އެންމެ ބޮޑަށް ފާހަގަވީ ރަނގަޅު ސަރވިސްތަކެއް ނުކުރެވުމާއި، ރިސީވް ދަށްވުމެވެ. މެޗްގެ 4ވަނަ ސެޓް ރާއްޖޭގެ ވޮލީ ޓީމުން ކާމިޔާބުކުރީ 25-20އިންނެވެ. ނަތިޖާ ނެރުމަށް ކުޅުނު 5ވަނަ ސެޓް ޕާޓިޒަންކާމިޔާބުކުރީ 15-11އިންނެވެ.

ގައުމީ ވޮލީ ޓީމް ސާބިޔާގައި މިކުރާ ކޭންޕްގައި 7 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި 7 މެޗްގެ ތެރެއިން ކުވެއިތުގެ ގައުމީ ޓީމްއާއެކުވެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.