ތަރައްްޤީ

ތިން ރަށެއްގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ބ. ފެހެންދުއާއި ފުޅަދުއާއި އިތުރުން ށ. ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ ޙަސަން ޝާހެވެ.

މި އެއްބަސްވުމުގެ ދަށުން 1 އަހަރު ދުވަހުގެ ތެރޭގައި ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ނިންމުމަށް ކޮންޓްރެކްޓް ކޮށްފައިވާއިރު މި މަޝްރޫއަށް 49.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ފުޅަދުއާއި ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމުމަށް 390 ދުވަސް ދީފައިވާއިރު ފުޅަދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ 48.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ށ ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.