ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރުންގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ތަޢުލީމާއި، މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއާ ހިއްސާކޮށްފިއެވެ.
މިމަޢުލޫމާތު ހިއްސާ ކުރީ ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޖޭއޯސީވީ ވޮލަންޓިއަރުން ކުރިއަށްގެންދާ ހަރަކާތްތަކާއި ތަޢުލީމީ ދާއިރާއަށް ވަމުންދާ އެހީތެރިކަމާ ބެހޭ މަޢުލޫމާތު ތަޢުލީމާ ބެހޭ ވުޒާރާއާހިއްސާކުރުންކަމަށް ޖޭއޯސީވީން މަޢުލޫމާތުދެއެވެ.
ޖޭއޯސީވީ 6 ވޮލަންޓިއަރުން އަންނަނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރ.ހުޅުދުއްފާރު ސްކޫލާއި ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ނެއްލައިދޫ ސްކޫލާއި، އދ.އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގައި ވޮލެންޓިއަރުންގެ ގޮތުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
ޖޭއޯސީވީ ޕްރޮގްރާމަކީ 1982 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން މިއަދާ ހަމައަށް 370 އަށްވުރެ ގިނަ ވޮލަންޓިއަރުން ވަނީ ރާއްޖޭގެ ތަފާތު ދާއިރާތަކުގައި ޚިދުމަތްކޮށް، މުޖުތަމަޢަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
މިޕްރޮގްރާމް ކޯވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފެށިގެން ކުރިއަށްދާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ދިނުމުގެ ދާއިރާގައާއި ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގައި ހޭންޑްބޯޅަ، ބޭސްބޯޅަ އަދި އެތުލެޓިކްސް ހިމެނޭހެން، ސިއްޙަތާއި ކުޅިވަރުގެ ދާއިރާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެއިތުރުން، ޖޭއޯސީވީން ވަނީ މިއުޒިކާއި، އަތްތެރި މަސައްކަތް އަދި ކައްކަން ދަސްކޮށްދިނުން ފަދަ އަމަލީ ހުނަރުތައް ކިޔަވައިދީފައެވެ.
މިއަދުގެ ބައްދަލުވުމުގައި، ޖޭއޯސީވީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބޭ މަންފާއާއި، މި ޕްރޮގުރާމުގެ ވޮލަންޓިއަރުން ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަށް ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެވުޒާރާގެ އެހީތެރިކަން ޖޭއޯސީވީއާއެކު ވާނެކަމުގެ ޔަޤީންކަންވެސްވަނީ ދެއްވާފައެވެ.
މިބައްދަލުވުމުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ޖަޕާން އެމްބަސީއާއި ޖައިކާގެ އިސްވެރިންގެ އިތުރުން ތައުލީމީ ވުޒާރާގެ އިސް ބޭފުޅުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.