ރިޕޯޓް

އޭޑީކޭގެ ވީޑިއޯއިން ބުނެދިނީ ކޮން އެއްޗެއް؟


ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު، ޤައުމަށް ވަންނަ ޢާމްދަނީ މަދު ޤައުމެކޭ ނުދެންނެވޭނެއެވެ. މުޅި ދުނިޔޭގައި ވެސް އޮތް ފަތުރުވެރިކަމުގެ އެންމެ މަޝްހޫރު އެއް ޤައުމެވެ. ދުނިޔޭގެ އެންމެ މުއްސަނދިންނާއި "ސެލަބްރިޓީން" ޗުއްޓީ ހޭދަކޮށްލާ އަގުބޮޑު މަންޒިލަކީ ރާއްޖެއެވެ.

ކޮންމެއަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގުނަނީ، މިލިޔަނުންނެވެ. މިޢަދަދު ދަނީ އަހަރުންއަހަރަށް މައްޗަށެވެ.

މިފަދަ ޤައުމެއްގައި ފާޚާނާގެ ނިޒާމައި، ދެއިރު ހަމަޔަށް ކާލެވޭފަދައެއް ނެތް ނިކަމެތިން ދިރިއުޅެފާނެކަމަށް، ރާއްޖޭގެ ނަން އަޑުއަހާފައިވާ ފަތުރުވެރިޔަކު ޤަބޫލެއް ނުކުރާނެއެވެ.

ޚުދު ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށްވެސް މި ހިތި ހަޤީގަތް ޤަބޫލުކުރަން ދައްޗެވެ. މަޝްހޫރު ވިޔަފާރި ކުންފުނި އޭޑީކޭގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ލ.ހިތަދޫގައި ދިރިއުޅޭ މިފަދަ ނިކަމެތި ޢާއިލާއަކަށް އެހީވެ އެޢާއިލާގެ ނިކަމެތި ޙާލު ވީޑިއޯއެއްގެ ޒަރިއްޔާއިން ޢާއްމުކުރުމުން ދިވެހިންގެ ތެރެއިން ގިނަބަޔަކު ފެންކަޅިކޮށްލީ މިސަބަބާހުރެއެވެ.

އެހެންނަމަވެސް ރާއްޖޭގެ އެތައް ރަށެއްގައި މި ހިތްދަތި ދިރިއުޅުން ތަޙައްމަލުކުރަމުންދާ ޢާއިލާތައް މިހާރުވެސް ދިރިއުޅެމުންދެއެވެ. އެމީހުންގެ ނިކަމެތި ޙާލަށް އެމީހުން ދޫކޮށްލާފައި ދައުލަތާއި ދިވެހި މަހުޖަނުންނާއި ރަށުގެ އަވައްޓެރިން ނޭނގޭކަމަށް ހަދައިގެން ތިބެނީ އެކަންޏެއް ނޫނެވެެ. ބައެއްމީހުން އެމީހުންގެ ނާޖާއިޒު ފައިދާނަގައި މުޖުތަމަޢަށް އެމީހުން ގިނަކޮށްލައެވެ. ޖިންސީ އަނިޔާއާގެ ޝިކާރައަކަށް އެމީހުން ހަދައެވެ. މަލާމާތާއި ފުރައްސާރައިން އެމީހުންގެ ހިތްތައް މަރާލައެވެ. މި ހިތްދަތިކަމާއެކު ނަފުސާނީ އެކިއެކިބަލިތައް ތަހައްމަލުކުރާ އެތައްބަޔަކު އެބައުޅެއެވެ. އަދި މިޙާލުގައި މިދުނިޔެ ދޫކޮށް ދާންޖެހުނު އެތައްބަޔައެއްގެ ވާހަކައަކީވެސް ހަމަ ހަޤީގަތެކެވެ.

މިދެންނެވިފަދަ ނިކަމެތި ރައްޔިތުން ދިރިއިޅޭ ރަށްރަށުގައި މިއީ މާބޮޑު ކަމަކަށް ނުވެއެވެ. އެކަމާ އަޅާލާނެ މީހަކު ނުވެއެވެ.

އޭޑީކޭގެ ވީޑިއޯއިން ފެންނަ ނިކަމެތި ޢާއިލާގެ ދިރިއުޅުމާއި އެޢާއިލާގެ ވާހަކަތަކުންވެސް މިހުރިހާ ވާހަކައެއް ކިޔައިދެއެވެ. އެހެންނަމަވެސް އެޢާއިލާގެ ތުއްތުކުދިންގެ ރުއިމުގެ އަޑު މިއޮއްހުރިހާ ދުވަހު އަޑުއެހީ ކާކުހެއްޔެވެ؟ އެކުދިންގެ ލޮލުން އޮހެމުންދިޔަ ކަރުނައިގެ ހަޤީގަތް ދެނެގަތީ ކާކުހެއްޔެވެ؟ އެމީހުންގެ ދިރިއުޅުގެ ފެންވަރު، ދިވެހި އެއްވެސް ފަރުދަކު މިޒަމާނުގައި ދިރިއުޅެން އެކަށީގެންވާ ވަރަށްވުރެ މާ ދަށްކަމުގައި ޤަބޫލުކުރީ ކާކުހެއްޔެވެ؟

ޔަޤީނުންވެސް މިޢާއިލާއަކީ ރާއްޖޭގެ ސަރުކާރާއި ސިޔާސީ ވެރިންނާއި ކުންފުނިތަކާއި ދިވެހި ރައްޔިތުންނަށް ގެއްލިފައިއޮތް ޢާއިލާއެއް ނޫނެވެ. ނުވަަތަ މި ޢާއިލާއަކީ މީހުން ދިރިނޫޅޭ، ބަޔަކަށް ނޭނގޭ ފަޅު ރަށެއްގައި އުޅުނު ބައެއްވެސް ނޫނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އެކި އިންތިޚާބުތަކާ ދިމާކޮށް މިފަދަ އެތައްބައެއްގެ ދިރިއުޅުމުގެ ޙާލަކު ލޮލުން ފެނުނު އެތައް ސިޔާސީ ލިޑަރުންނެއް ތިބޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް ތިބޭނެއެވެ. އެތައް ކައުންސިލް މެމްބަރުންނެއް ތިބޭނެއެވެ. ޙާލަތު ބަދަލުކުރަން މިދެންނެވި ބޭފުޅުން ކުރެއްވީ ކޮންކަމެއްބާއެވެ؟

ޝައްކެތްނެތެވެ. އޭޑީކޭގެ މަސައްކަތަށް ސާބަހެވެ. އިޖުތިމާޢީ ޒިންމާގެ ދަށުން ކުރަންޖެހޭވަރުގެ މަސައްކަތެއް ކުންފުންޏަކުން މިކުރީ އަދިކިރިޔާއެވެ. އެއީ މާތް ޢަމަލެކެވެ. މާތްﷲ އެޑީކޭގެ ވިޔަފާރީގައި ބަރަކާތްލައްވައި މިފަދަ ހެޔޮޢަމަލުތައް ތަކުރާރުކުރުމުގެ ތައުފީޤު އެކުންފުނީގެ ވެރިންނަށް ދެއްވާށިއެވެ.

އެޑީކޭއިން ޢާއްމުކުރި ވީޑިއޯ ބަލާފައި ގިނަބަޔަކު ފެންކަޅިވެ ޖަޒުބާާތުން ފުރުނެވެ. މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އެތައްބަޔަކު އެވީޑިއޯ ޝެއަރކުރިއެވެ. އެހެންނަމަވެސް އަޅުގަނޑުގެ ސުވާލެއް އެބައޮތެވެ.

ތިއިން އެއްވެސް ބޭފުޅެއްގެ ރަށުގައި މިފަދަ ނިކަމެތި ބަޔަކު އުޅޭހެއްޔެވެ؟ ނުވަތަ ރާއްޖޭގެ އެއްވެސް ރަށެއްގައި އެހީތެރިކަމަށް ބޭނުންވެފައިވާ މިފަދަ ނިކަމެތިން އުޅޭކަން އެނގޭހެއްޔެވެ؟

އޭޑީކޭފަދައިން އެފަދަ ކޮންމެ ޢާއިލާއަކަށް ގެއެއް ޢިމާރާތް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ވަކިފަރުދަކަށް ކުރެވޭނެ ކަމެއް ނޫނެނެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ކުޑަމިނުން އެފަދަ މީހުންނަށް މަލާމާތާއި ފުރައްސާރަކުރުން ހުއްޓާލާށެވެ. ފަހަރެއްގައި މުޖުތަމަޢު ޤަބޫލުނުކުރާ ކުށެއް ކޮށްފައިވާ މީހަކު ހުރެދާނެއެވެ. ބައްޕަ ނެތް ތުއްތު ކުދިންތަކެއް ތިބެދާނެއެވެ. އެހެންނަމަވެސް އެމީހުންނަށް މަލާމާތައި ފުރައްސާރަކޮށް ބާކީ ކޮށްލައިގެން އެއްވެސް މީހަކަށްވެސް އަދި ރަށާއި ޤައިމަށްވެސް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ.

އެނިކަމެތިންނަށް ހިތްހެޔޮކަމާއެކު ބަސްބުނުމަކީވެސް އެހީއެކެވެ. އެމީހުންގެ ޙާލަތު ކަމާބެހޭ ފަރާތްތަކާ ޙިއްސާކުރުމަކީވެސް އެހީއެކެވެ. މުޖުތަމަޢުގައި އެމީހުން ބައިވެރިކުރުވުމަކީ އަދި މާބޮޑު އެހީއެކެވެ. ފަރުދީ ފެންވަރުގައި ވެވޭ މިފަދަ އެހީތެރިކަމުފެސަބަބުން ބޮޑެތިއެހީތަކަށް މަގުފަހިވާނެކަން ޔަޤީނެވެ.