ސިޔާސީ

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް އެޖެންޑާކޮށްފި


ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމަށް އެކުލަވާލާފައިވާ ބިލް އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް "ރިޔާސީ ކޮމިޝަންތަކުގެ ބިލް" އެޖެންޑާކޮށްފައިވަނީ ފުރަތަމަ ކިއުން އިއްވުމަށެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް އަލުން އެޖެންޑާކޮށްފައިމިވަނީ، ނިމިދޔަ އަށާރަވަ ރައްޔިތުންގެ މަޖިލީހުގައި އެ ބިލް ތިންފަހަރެއްގެ މަތިން ފާސްކުރުމަށް އެޖެންޑާކޮށް ފާސްކުރެވޭވަރަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމުން އެޖެންޑާއިން ނަގާފައި އޮތުމަށްފަހުއެވެ. މިކަމާ ގުޅިގެން އެތައްބައެއްގެ ފާޑުކިއުން އެ މަޖިލީހަށް އަމާޒުވިއެވެ. އަދި ސަރުކާރުންވެސް ވަނީ އެ ބިލް މަޖިލީހުން ފާސްނުކޮށް އޮތުމުން ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. ނަވާރަ ވަނަ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރާ ބިލްތަކުގެ ތެރޭގައި އެ ބިލް ފާސްކުރުމަށް ބާރު އަޅަނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް ވަނީ ރިޔާސީ ދެ ކޮމިޝަން އެކުލަވާލައްވާފައެވެ. އަދި އެދެކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން މަރުގެ ބޮޑެތި މައްސަލަތައް ބަލައި އެމައްސަލަތަކުގެ "މޯޓިވް"އާ ހަމައަށް ދެވިފައިވާކަމަށާއި، އެ ބައެއް މައްސަލަތައް ތަޙްޤީޤްކޮށް ނިމިފައި ވީނަމަވެސް އެކޮމިޝަނަށް ޤާނޫނީ ބާރު ލިބިފައިނުވާތީ ޕީޖީ އޮފީހަށް ދައުވާކުރުމަށް ނުފޮނުވިފައިވާކަމަށް ރިޔާސީ ކޮމިޝަނުންގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ގިނަ މަސައްކަތްތަކެއް އެޖެންޑާކޮށްފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމާއި ބެހޭ ބިލާއި، 2008ވަނަ އަހަރުގެ ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުގެ ބިލް އަލުން ވިސްނުމަށް ފޮނުވާފައިވާ މައްސަލަ ހިމެނެއެވެ. އެ ދެބިލަކީ އަށާރަވަނަ މަޖިލީހުން ފާސްކުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްނުކުރައްވާ އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުއްވާފައިވާ ދެ ބިލެވެ.

އެބިލްތައް މަޖިލީހަށް އަނބުރާ ފޮނުވާލެއްވީ އެ ބިލް މިހާރު އޮތްގޮތުން ޤާނޫނު އަސާސީގެ ރޫހާ ޚިލާފްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ ޖަލުތައް އޮޑިޓްކޮށް އެކުލަވާލާފައިވާ ރިޕޯޓާއި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައެޅުންވެސް ރިޔާސަތުން ހުށައަޅާ ކަންކަމުގެ ތެރޭގައި ހިމަނާފައެވެ.