ޚަބަރު

އަމީނީމަގު ސެގްމަންޓު 1: ތާރުއެޅުމުގެ މަސައްކަތް ހަފުތާއެއްތެރޭ ނިމޭނެ


  • މަޝްރޫޢު ނޮވެންބަރު މަހު ނިންމާލުމަށް ވަނީ ހަމަޖެހިފައި

  • އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ހަފުތާއެއްތެރޭ ނިމޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ސެގްމެންޓު 1ގެ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިއީ މި މަޝްރޫޢުގެ މުހިންމު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވިގޮތުގައި، އޭބީސީ ފަށަލަ އަޅާ ނިމުމާއެކު، އެ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މަރުހަލާގެ މަސައްކަތްތައްވެސް މި ހަފުތާގެ ނިޔަލަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެ، މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އޭގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އެއީ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެކެވެ. މަގު މަރާތުކުރުމުގައި، މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އަދި ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލު ގެނެއެވެ.

މަގުގެ މަސައްކަތް ކުރިއަށްގެންދާއިރު، މަގުގެ ކޮލިޓީ ހިފެހެއްޓުމަށް އިސްކަންދޭކަން އޭސީސީން ފާހަގަކުރެއެވެ.

މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހު ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށް ހަމަޖެހިފައިވެއެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށްފަވެއެވެ. މި މަސައްކަތަށް މިދިޔަ ސަރުކަރުގައި 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.