އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވަން މަޖިލީހުގެ މެމްބަރުން ތައީދުކުރައްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެޑައިގަތުމަށްފަހު މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށެވެ. މި ދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 8 އަށެވެ.
މޯދީގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވަ ތަޤްރީރުކުރެއްވުމަށް ދަޢުވަތުދެއްވުމަށް މަޖިލީހަށް ފެންނަ ގޮތަކާމެދު ގޮތެއް ނިންމެވުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ރިޔާސަތުން ހުޅުވާލި ފުރުޞަތުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ވަޑައިގަތުމަކީ ރާއްޖެއަށް ޚާރިޖީ ސިޔާސަތު ހަރުދަނާވަމުން އަންނަކަން ދައްކުވައިދޭކަމެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަޤުރީރުކުރެއްވުމަކީވެސް މަޖިލީހަށް ލިބޭ ޝަރަފެއްކަމަށްވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ. މަޖިލީހުގައި މޯދީ ތަޤުރީރުކުރެއްވުމުން ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި މެދު ގެއްލިފައިވާ ތަސައްވުރު އިތުރުވެގެންދާނެކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.
މެންބަރުން ވަނީ އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރުވެސް އިންޑިއާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤުރީރުކުރައްވާފައިވާކަމަށާއި، އަދި އެމްޑީޕީގެ ރައީސަކު ހުންނެވި ވަގުތެއްގައިވެސް އިންޑިއާގެ ބޮޑުވަޒީރަކު މަޖިލީހުގައި ތަޤުރީރުކުރެއްވުމަކީވެސް ޝަރަފެއްގެ ގޮތުގައި މެންބަރުން ސިފަކުރެއްވިއެވެ.
"މޯދީގެ ދަތުރުފުޅުގައި މަޖިލީހަށް ވަޑައިގެން މުޚާޠަބުކުރުމަކީ މި މަޖިލީހަށާއި ރައްޔިތުންނަށް ލިބޭ ޝަރަފެއް. މިއީ ދުނިޔެއިން ރާއްޖެ ބަލައިގެންފިކަން ދައްކުވައިދޭނެކަމެއް. އަދި ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން އިންޑިއާއިން އިސްކަންދޭކަންވެސް ދައްކުވައިދޭނެ." ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.
މޯދީ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ ެމްބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަޤުރީރުކުރައްވަން ފެނޭތޯ ވޯޓަށް އަހާނީ މެންދުރު އެއްގަޑި ތިރީހުގައެވެ.
އަންނަ މަހުގެ 7 އިން 8 އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސަރަހާއްދީ ޤައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށެވެ. މިއީ މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.