އެކި މުއްދަތުގައި ޖަލުގައި ހޭދަކޮށްފައިވާ ބައެއް ވަޒީރުންނާއި، މެންބަރުން ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙިދާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޘިމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ރިޔާޒް ވަނ ގިނަ ޢަދަދެއްގެ ފޮތް ހަދިޔާކުރައްވާފައެވެ.
ފޮތް ހަދިޔާކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާއަށްފަހު ޖަލަށްލުމުން ޖަލުގެ ހާލަތު ތަޖުރިބާކުރެވުނުކަމަށެވެ. އަދި ޖަލުގެ ހުރިހާ ކަންކަމެއްވެސް އިޙްސާސްކުރެވުނުކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހަދިޔާކުރި ފޮތްތަކުގެ ސަބަބުން ޖަލަކީ މީހާ މުޖުތަމަޢުން ބާކީވާތަނަށްނުވެ އަނބުރާ އައުމަށް ލިބޭ ހިތްވަރަކަށް ވާނެކަމަށް އުއްމީދުކުރައވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އޭނާ އޭނާގެ ދިރިއުޅުން (ގައިދީން) އަލުން އަނބުރާ ޖަލުން ނިކުމެ ހޯދާނެ ކަމަކަށް މި އިނީޝިއޭޓިވްވާނެކަމަށް އުއްމީދުކުރަން." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރެއްވުމަށްފަހު މަޖިލީހުގެ އިންތިޚާބީ މެންބަރު ނާޒިމް އާއި ޢަބްދުﷲ ރިޔާޒް ވިދާޅުވީ ފޮތް ކިޔުމުގެ އާދަ އަށަގަންނަ ގައިދީން މުޖުތަމައަށް އެނބުރި ނިކުންނައިރު ބިނާކުރަނިވި ބަޔަކަށް ވާނެކަމަށާއި، އެކަމުގެ ސަބަބުން މުޖުތަމަޢުއަށް ފައިދާވާނެކަމަށެވެ.
"މިހުރިހާ މީހުންނަކީވެސް ޖަލުގެ އިޙްސާސްކުރެވިފައިތިބި މީހުން. ޖަލުގައި ތިބޭއިރު ވަގުތު ހޭދަކުރުމަށް ކަންކަންކުރަންޖެހޭ. އަޅުގަނޑުގެ ހަޔާތުގައިވެސް އެންމެ ގިނަ ފޮތް ކިޔުމުގެ ފުރުޞަތު ލިބުނީ ޖަލުގައި ހޭދަކުރި ދިގު މުއްދަތު. ފޮތްކިޔާ އެމީހުންގެ ސިކުނޑި ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިންމުކަމެއް." މުޙައްމަދު ނާޘިމް ވިދާޅުވިއެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމު އަމީނިއްޔާ ސްކޫލުގައި ވަނީ ހަމަޖައްސާފައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުގެ ބޭނުމަކީ ޖަލުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުކޮށްދޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ކިއުމުގެ ފުރުޞަތު ގައިދީންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.