ޚަބަރު

ދެމެހެއްޓެވެނި ގޮތެއްގައި ހަނގުރާމަ ނުކުރެވޭނެ: އެމެރިކާގެ ކޮމާންޑަރުން


އީރާނާ ދެކޮޅަށް ކުރަމުންދާ މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިޔުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރުން އެ ޤައުމުގެ ދިފާޢީ ވަޒީރު، ޕީޓް ހެގްސެތުގެ އަރިހުން ދަންނަވައިފިއެވެ.

އަސްކަރިއްޔާގެ ޙަރަކާތްތަކާ ގުޅޭ އެންގުންތައް އަންގާ ސިއްރު ލިޔެކިޔުމެއް ކަމަށްވާ ސެކްރެޓަރީ އޮފް ޑިފެންސް އޯޑަރސް ބުކްގައި އޮގަސްޓު މަހުގެ 14ވަނަ ދުވަހު އަންގާފައިވާ ގޮތުގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް ގެންދިޔުމަކީ ބައިނަލްއަޤްވާމީ ކާރިޘާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ކުޑަކޮށްދޭ ކަމެއް ކަމަށެވެ. އަދި ޤައުމު ދިފާޢުކުރުމުގެ ޤާބިލު ކަމަށް ވެސް ހުރަސް އެޅޭ ކަމުގެ އިންޒާރު އެ ލިޔުމުގައި ދީފައިވެއެވެ.

މަސްދަރުތަކުން ބުނީ މެދުއިރުމަތީގައި މިހާރު ޙަރަކާތްތެރިވަމުންދާ ބައެެއް ސިފައިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ސަރަޙައްދުގައި ޤާއިމްވެ ތިބުމަށް އެ ލިޔުމުގައި އަންގާފައިވާ ކަމަށެވެ. އަދި އަސްކަރިއްޔާގެ ބައެއް ޔުނިޓުތަކުން 2027 އަހަރު ވެސް މެދުއިރުމައްޗަށް ސިފައިން ފޮނުވަމުން ދިޔުމަށް އަންގާފައިވެއެވެ.

ހަ މަސް ދުވަހަށް ދެމިގެންގޮސްފައިވާ މެދުއިރުމަތީ ހަނގުރާމަ މިހާރު ވެސް މާ ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށް އެމެރިކާގެ އާމީއާއި ކަނޑުމަތީގެ ސިފައިންގެއާއި ވައިގެ ސިފައިން ކޮމާންޑަރުންގެ އިތުރުން ވިލާތާއި އޭޝިޔާއާއި ލެޓިން އެމެރިކާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ ޙަވާލުވެ ހުންނަވާ ހަތަރު ތަރީގެ ކޮމާންޑަރުން ހަނގުރާމަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ގޮވާލައްވާފައިވެއެވެ. ޔޫރަޕިއަން ކޮމާންޑާއި އިންޑޯ-ޕެސިފިލް ކޮމާންޑާއި ސަދަން ކޮމާންޑުގެ އިސްވެރިން ވަނީ މެދުއިރުމައްޗަށް އެ ޔުނިޓުތަކުގެ ސިފައިން ފޮނުވާފައި ބޭތިއްބުމަށް އަންގާފައިވާ އެންގުމާމެދު ހިތްހަމަނުެޖެހޭ ކަން ރަސްމީކޮށް އަންގައިފައެވެ.