ސިޔާސީ

ވިސާނެތި ލަންކާގައި އުޅޭ ދިވެހިންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުށްވެރިން


ސްރީލަންކާގައި ވިސާނެތި އުޅެމުންދާ ދިވެހިންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުށްވެރިން ހިމެނޭކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑީއާގެ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ ފޮރިންގ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްރީލަންކާގައި ވިސާ ނެތި ފިލައިގެން ގިނަ ޢަދަދެއްގެ ދިވެހިން އުޅެމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ބޭސްފަރުވާއަށް ގޮސް ފިލައިގެން އުޅޭ ކުށްވެރިންވެސް ހިމެނޭކަމަށެވެ.

އަދި ފިލައިގެން އުޅޭ ދިވެހިން ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅައި މަޢޫލޫމާތު ހިއްސާކުރަމުން އަންކަންވެސް ފޮރިންގ މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، ވިސާ ނެތި ގިނަ ޢަދަދެއްގެ ދިވެހިން ލަންކާގައި އުޅެމުން އަންކަން ހާމަވީ، މިމަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއިގުޅިގެން އެޤައުމުގައި ދިރިއުޅޭ ބިދޭސީން ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީވާން އެންގުމުންކަމަށެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، ތަންތަން ބަލާ ފާސްކުރުމުގެ ތެރެއިން ދިވެހިން ދިރިއުޅޭ ގެތައްވެސް ބަލާފާސްކޮށް ޤަވާއިދާއި ޚިލާފަށް އުޅޭ ފަރާތްތަކާމެދު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ލަންކާގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ކުށްވެރިންގެ ތެރޭގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސްކޮށް އުޅުނު ޢަބްދުﷲ ލުޠުފީވެސް ހިމެނެއެވެ. އޭނާ ވަނީ ބޭސް ފަރުވާއަށް 2010 ވަނަ އަހަރު ލަންކައަށް ފޮނުވުމުން ފިލާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރުވެފައިވާ ދިވެހިންވެސް ލަންކާގައި އުޅެމުން އަންނަކަމަަށެވެ. އެފަދަ ފަރާތްތަކާމެދު ލަންކާގެ ޤާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅަމުން އަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެމްބަސީން ދޫކުރާ ލިޔުމަށް ބެލުމަށްފަހު ވިސާ އައު ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި މިހާރު ދިފައިވާނެކަމަށެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރުން އެދޭ ކަންކަން ކޮށްދޭނެކަމުގެ އުއްމީދު އެބައޮތްކަމަށްވެސް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.