ވީއޭއެމްގެ އެކްސްކޯގެ މަގާމް އިބްރާހީމް ޖަލީލް ދޫކޮށްލައިފިއެވެ.
ވީއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އިބްރާހީމް ޖަލީލް އެމަގާމްއިން އިސްތިއުފާ ދިނީ ވޮލީބޯޅަ ކޯޗިންގއަށް ވަގުތު ހުސްކުރުމަށެވެ. އިބްރާހިމް ޖަލީލް ބުނީ އަބަދުވެސް ބޭނުންވަނީ މޭޒު ކައިރީގައި އިދެގެން މަސައްކަތް ކުރުމުގެ ބަދަލްގައި ކޯޓްއަށް ނިކުމެ މަސައްކަތް ކުރަންކަމަށެވެ. ޖަލީލްބުނީ ޓެކްނިކަލް ޑައިރެކްޓަރ ކަމުން އިސްތިޢުފާ ދިނުމަށްފަހު ބޭނުންވަނީ އެސޯސިއޭޝަންގެ އުމުރުފުރާގެ ޓީމްތަކާއެކު މަސައްކަތް ކުރަންކަމަށެވެ. މިއީ އެސޯސިއޭޝަންއާއި ދުރަށް ދިއުމުގެ ގޮތުން ކުރާކަމެއް ނޫންކަމަށާއި މިއީ އަމަލީ މައިދާނުގައި މަސައްކަތް ކުރުމުގެ ބޭނުމުގައި ނެގި ފިޔަވަޅެއްކަމަށްވެސް ޖަލީލް ބުނިއެވެ. އަދި މިއަދުވާނީ މިކަމަށް އެދި އެސޯސިއޭޝަންއަށް ސިޓީވެސް ފޮނުވާފަކަމަށް ޖަލީލް ބުނިއެވެ. ޖަލީލް ބުނީ މިއީ ވަރަށް ކުރިންވެސް ކުރަން ބޭނުންވިކަމެއްކަމަށާއި ޒުވާން ކުޅުންތެރިން އުފެއްދުމާއި އެކުޅުންތެރިން ކުރިއެރުވުމަކީ ވަރަށް ކުރާ ހިއްވާކެމެއްކަމަށެވެ.
މިހާރު އަބަދުވެސް ފެންނަނީ މޮޅު ކޯހެއް ހަދައިގެން ކޯޗް ކޮށްދެމުން އަންނަ ތަންކަމަށާއި އެންމެ މަތީ ފަންތީގައި ވޮލީ ކުޅުމަށްފަހު، ކުޅުން ހުއްޓާލާ ކޯޗިންގެ ދާއިރާއަށް ވަންނަ ކުޅުންތެރިން ވަރަށް މަދުކަމަށް ޖައްލަ ފާހަގަކުރިއެވެ. އެންމެ މަތީފަންތީގައި ވޮލީ ކުޅެފައިވާ ކުޅުންތެރިން ކޯޗުން ދާއިރައަށް ނިކުތުން ވަރަށް މުހިންމުކަމަށާއި އެކޯޗުންނަށް މެޗް ޕްރެޝަރާއި މެޗްގެ ތެރޭގައި ދިމާވާ ކަންތަށްތަށް މާރަގަނޅަށް އެގޭނެކަމަށް ގައުމީ އެކިއެކި އުމުރުފުރާއަށް ކޯޗްކޮށްދީފައިވާ އިބްރާހިމް ޖަލީލް ބުނިއެވެ.
ޖަލީލް ބުނީ ގިނަ ކޯޗުންގެ އަމާޒް ހުންނަނީ ގައުމީ ސީނިއަރ ޓީމްއަށްކަމަށާއި ޒުވާން ކުޅުންތެރިން އުފެއްދުމުގެ ވިސްނުން ހުންނަނީ މަދު ކޯޗްއެއްގެކަމަށް ޖައްލަ ބުނިއެވެ.
ޓެކްނިކަލް ޑައިރެކްޓަރގެ މަގާމްއިން ޖައްލަ ވަކިވާން ބޭނުންވާއިރު، އެއީ ވީއޭއެމްގެ އެކްސްކޯއިން ވަކިވާ މަގާމެވެ. އެކްސްކޯއަކީ ވޮލީ އެންމެ ފަހު ބަސް ބުނާ ފަރާތެވެ. ޖައްލަ އެކްސްކޯއިން ވަކިވާން ބޭނުންވެގެން ވީއޭއެމްއަށް ސިޓީ ފޮނުވާފައިވާއިރު، މިދަޑިވަޅަކީ ވީއޭއެމްގެ މިހާރު އެކްސްކޯ ބަދަލް ކުރުމަށް ވަރަށް ބޮޑަށް އަޑުތަށް ފެތުރިފައިވާ ދުވަސްވަރެއްގައެވެ. މިހާރުގެ ލީޑަރ ޝިޕް ފެއިލް ވެފައިވާކަމަށް ބުނެ ވަރަށް ގިނަ ވޮލީގެ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އަދި މުހައްމަދު ލަތީފްގެ ރައީސްކަމުގައި އެސޯސިއޭޝަންގައި މަސައްކަތް ކުރުމަށްފަހު، ވަރަށް ގިނަ ފަރާތްތަކުންވެސްވަނީ މަގާމްއިން އިސްތިޢުފާ ދީފައެވެ.
މިކަމާއި ގުޅިގެން ލަތީފް މީގެ ކުރިން ބުނެފައިވަނީ މަގާމްތަކުން އިސްތިޢުފާ ދީފައިވަނީ ވީއޭއެމްގެ ވެއިލްވެގެން ނޫންކަމަށާ އެއީ އެފަރާތަތްކަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވިގެން ކުރިކަމެއްކަމަށެވެ.