ޚަބަރު

5 އަހަރުތެރޭ 25 ފުޓުބޯޅަ ދަނޑު އަޅާނެ - މަހުލޫފް


މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި 20 ނުވަތަ 25 ފުޓްބޯޅަ ދަނޑު އެޅިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ސަރުކާރުން އެއްވެސް ބެލުމެއްނެތި ގިނަ ފުޓްސެލް ދަނޑުތަކެއް އެޅުމުން، ފުޓްބޯޅައަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށެވެ.

ބައެއް ރަށްރަށުގައި ފުޓްބޯޅަ ދަނޑުތަށް ވީރާނާވެގެން ގޮސް، ކުޅޭނެ ބަޔަކު ނެތިގެން ވިނަ ގަނޑު ބޯވެ، ދަނޑުތަށް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭއެފްސީގެ ރައީސް ޝެއިޙް ސަލްމާންއާއެކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ރާއްޖޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ގޮތާއި ބެހޭގޮތުން ހިއްސާ ކުރެއްވިކަމަށާއި އެކަމަށް އެއެފްސީން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާކަމަށެވެ.

މަހުލޫފް ވިދާޅުވީ ފ.އަތޮޅު ނިލަންދޫ އާއި ރ.އަތޮޅު އަލިފުށި އެޅުމަށް ހަމަޖެހިފައިވާ ފުޓްސެލް ދަނޑު ހެދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު އަދި އިތުރު 10 ރަށެއްގައި ފުޓްސެލް ދަނޑު އެޅުމަށް މިހަފްތާގެ ތެރޭގައި އިޢުލާން ކުރާނެކަށެވެ. ޓާފް ދަނޑުތަކާއެކު މިސަރުކާރުން ވަރަށް ބޮޑަށް ފުޓްބޯޅަ ދަނޑުތަށްވެސް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވީ މިސަރުކާރުން ކަން ކުރާނީ ނަމެއްގައި ނޫންކަމަށާއި އަލަށް އަޅާ ފުޓްބޯޅަ ދަނޑުތައް އެންމެ މަދުވެގެން 10 އަހަރު ބޭނުން ކުރެވޭނެ ކަމަށެވެ.