ޚަބަރު

ނެޓްބޯޅަ ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ - ފަޒްނާ


ނެޓްބޯޅަ ކޮޅަށްޖަހާ ރާއްޖޭގެ މަޝްހޫރު ކުޅިވަރަކަށް ނެޓްބޯޅަ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުވި ފަޒްނާ ޖަލީލް ވިދާޅުވެއްޖެއެވެ. ނެޓްބޯޅަ އެސޯސިއޭޝަންގެ އިންތިޙާބް ބައްވާފައިވަނީ ނިމިގެންދިޔަ އޭޕްރީލްމަހުގައިއެވެ. އެސޯސިއޭޝަންގެ ދައުރުހަމަވެ، އިންތިޙާބްގެ ކަންތަށްތަށް ކުރިއަށް ގެންގޮސްފައި ވަނީ ނޯމަލައިޒޭޝަން ކޮމެޓީއަކުންނެވެ. ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޙާބްވުމަށްފަހު ޕީއެސްއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ފަޒްނާ ޖަލީލް ވިދާޅުވީ ނެޓްބޯޅަ އެސޯސިއޭޝަންއާއި ހަވާލްވީއިރު އެސޯސިއޭޝަންގެ ހަލާތު އޮތީ ވަރަށް ދަށް ހާލަތެއްގައިކަމަށާއި ކުރިން ނެޓްބޯޅައަށް ލިބެމުންދިޔަ ޝަޢުގުވެރިކަން ހޯދާ ނެޓްބޯޅަ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ހާއްސަކޮށް މިހާރު ނެޓްބޯޅަ ކުޅޭ ގިނަ ކުދިން އެހެން ކުޅިވަރުތަށް ކުޅެމުންދިއުމަކީވެސް ވަރަށް ބޯޑު ގޮންޖެހުމެއްކަމަށް ފަޒްނާ ވިދާޅުވިއެވެ.

ރައީސް ފަޒްނާ ވިދާޅުވީ އެސޯސިއޭޝަންއާއި އޭޕްރީލް މަހުގައި ހަވާލްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރީ އިދާރީ ކަންތަށްތަށް ހަމައަކަށް އެޅުވުމަށްކަމަށާއި މިހާރު ވާނީ އަލަށް އިންތިޙާބްވި އެކްސްކޯއަށް މިއަހަރުގެ ކަލަންޑަރުވެސް ހިއްސާކޮށްފަކަމަށެވެ. އަދި އެކްސްކޯއިން ކަލަންޑަރު ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް ވިދާޅުވިއެވެ.

"މިހާރު އެންމެ ފުރަތަމަ ކަލަނޑަރު ފައިނަލް ކުރުން މިހާރު އެންމެ ބާރުލާފައި މިމަސައްކަތް ކުރަނީ. އެސޯސިއޭޝަންގެ ހާލަތުވެސް ވަރަށް ދަށް. އޮފީހުގައި މަސައްކަތް ކުރެވޭ ހާލަތަށް ތަން ގެނެސް މިޙާރު އެންމެ ފުރަތަމަ މިހާރު ބާއްވަން މިޖެހުނީ އިންޓަރ ސްކޫލް މުބާރާތް. އިންޓަރ ސްކޫލް މުބާރާތަކީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ މުބާރާތެއް. އަލަށް އެކްސްކޯ އިންތިޙާބްވެ އެންމެ ރަގަނޅަށް ތައްޔާރު ނުވަނީސް އިންޓަރ ސްކޫލް މުބާރާތް ބާއްވަން ޖެހުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމެއް. ނަމަވެސް އިންޓަރ ސްކޫލް މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ގެންދިއުމަށް މަސައްކަތް ކުރާނަން." ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލް ބުންޏެވެ.