ޓުއަރިޒަމް

ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރުމުގެ އެވޯޑް ސޮނެވާ ގްރޫޕްއަށް


ތިމާވެއްޓާއި
ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރާ ރިސޯޓްތައް
ފާހަގަކޮށް "ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން" އިން ދޭ
ތިމާވެށީގެ އެވޯޑް ރާއްޖޭގައިވެސް ރިސޯޓެއް ހިންގަމުންދާ ސޮނޭވާ ގުރޫޕަށް ލިބިއްޖެއެވެ.



ރާއްޖެ އާއި
ތައިލޭންޑްގައި ރިސޯޓް ހިންގަމުންދާ ސޮނޭވާ ގްރޫޕަށް މި އެވޯޑް ލިބިފައިވަނީ ފިޖީގެ "ރިވަރސް ފިޖީ" އާއި ގޮއަޓަމާލާގެ "ލެގޫނާ ލޮޖް އިކޯ ރިސޯޓް އެންޑް ނޭޗަރ ރިސަރވް" އާ ވާދަކޮށެވެ.



ވޯލްޑް ޓްރެވަލް
އެންޑް ޓޫރިޒަމް ކައުންސިލުން ދޭ ޓޫރިޒަމް ފޮރ ޓުމޯރޯ އެވޯޑްގެ ތިމާވެށީގެ އެވޯޑް
ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ތިމާވެއްޓާއި ރަށްޓެހިކޮށް
އެތަނެއްގައި ކަންތައްތައް ކުރަނީ ކިހާ މިންވަރަކަށް ތޯ އާއި ކަންތައްތައް
ކުރުމުގައި ތަފާތު އިންގިލާބެއް ގެނެވިފައިވަނީ ކިހާވަރަކަށްތޯ ބެލުން ހިމެނެއެވެ.



ޓޫރިޒަމް ފޮރ
ޓުމޯރޯ އެވޯޑްދެނީ ފަސް ކެޓަގަރީއަކުންނެވެ. 
އެއީ އިނޮވޭޝަން އެވޯޑާއި، ޑެސްޓިނޭޝަން އެވޯޑާއި، އެންވަރަމެންޓް
އެވޯޑާއި، ޕީޕަލް އެވޯޑާއި ކޮމިއުނިޓީ އެވޯޑް އެވެ.



މި އެވޯޑްތައް
ދީފައިވަނީ ސްޕެއިންގެ މެޑްރިޑްގައި ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ
ގްލޯބަލް ސަމިޓްގައި ބޭއްވި އެވޯޑް ހަފްލާގައެވެ.



ބ. އަތޮޅުގައި ސޮނޭވާ ގުރޫޕުން ތަރައްގީކޮށްފައިވާ ސޮނޭވާ
ފުށި ރިސޯޓްގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން މަނާކޮށްފައިވާއިރު އެރިސޯޓްގައި
ބޭނުންކުރާ ކަރަންޓްގެ ފަންސާސް އިންސައްތަ އަކީ އަވިން ހަކަތަ އުފައްދައިގެން
ބޭނުންކުރާ ކަރަންޓެވެ.