ޚަބަރު

30/18 ވުމެން ފުޓްސެލް ފިއެސްޓަރގެ ތަށި އެމްޕީއެލުން ދިފާއުކޮށްފި


ޕޮލިސް ކުލަބް ބަލިކޮށް އެއިޓީން ތާޓީ ވުމެން ފުޓްސެލް ފިއެސްޓަރގެ ތަށި އެމްޕީއެލުން ދިފާއުކޮށްފިއެވެ. އެއިޓީން ތާޓީ ވުމެން ފުޓްސެލް ފިއެސްޓަރގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދީ ފައިނަލްގައި ޕޮލިސް ކުލަބު 4-3 ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް އެމްޕީއެލް ހޯދީ ފައިނަލްގައި ޕޮލިސް ބަލިކޮށްގެންނެވެ. ގައުމީ އަންހެން ވޮލީ ޓީމްގެ ފާތިމަތު ޖޫޒާން ޒަރީރުވަނީ ފައިނަލް މެޗްގައިވަނީ ހެޓްރިކް ހަދާފައެވެ. އެމްޕީއެލްއިންގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.
މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑްނެގީ ޕޮލިސް ކުލަބްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ޝިނީޒް މުހައްމަދުއެވެ. ޕޮލިސް ކުލަބްގެ އަނެއް 2 ލަނޑު ޖަހައިދިނީ ފާތިމަތު ޒާހިރާ އަދި ބިދޭސީ ކުޅުންތެރިޔާ ސަވިތްރީއެވެ. ދެ ޓީމްއަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ މިމެޗްގައި ދެ ޓީމްގެ ކީޕަރުންވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެމްޕީއެލްގެ ޖޫޒާންއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ދިވެހި ސިފައިންގެ ކުލަބު ހޮވުނުއިރު، ފެއަރ ޕްލޭ ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކުލަބްގެ މަރިޔަމް ރިޔާއެވެ. 25 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބްގެ ފާތިމަތު ތީބާއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ޕޮލިސް ކުލަބްގެ ބިދޭސީ ކުޅުންތެރިޔާ ޝަކުނާއެވެ. ޝަކުނާވަނީ މިމުބާރާތުގެ 16 ގޯލް ޖަހާފައެވެ.
މުބާރާތުގެ އެންމެ ފަސް ކުޅުންތެރިންނަކީ ޕޮލިސް ކުލަބްގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ޝަކުނާ، ސަވިތްރީ، ޗެމްޕިއަން އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު ޝާލިޔާ އަދި އެމްޕީއެލްގެ ގޯލް ކީޕަރ އަކަން އަޚޮންދީއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެންޕިއަން އެމްޕީއެމްގެ ކޯޗް އަހުމަދު ވިޝާންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެމްޕިއަން އެމްޕީއެލްގެ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.