ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް ޖެހިއްޖެއެވެ. އެންމެ ފަހުގެ ޗެމްޕިއަނުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯލް ލިމިޓެޑްގެ ޓީމް ޖީ.އެމް.އައި.ޒެޑް.އެލް އާއި މިދިޔަ އަހަރުގެ ރަނަރސް އަޕް މޯލްޑިވިއަން މިއަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ޖެހުނީ އިއްޔެ ހަވީރު ނެގި ގުރުއަތުންނެވެ. 2ވަނަ ބުރުގައި ކުޅޭނެ ޓީމުތައް ބެލުމައް އެފް.އޭ.އެމް ހައުސްގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގައި އެންމެ ފަހުގެ ފައިނަލްގައި ކުޅުނު ދެ ޓީމުގެ ކުރިމަތިލުމުގެ އިތުރުންވެސް ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. މިގޮތުން 2ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ކްލަބް ވެމްކޯއެވެ. މިދެ ޓީމަކީވެސް ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ގުނާލެވޭ އެސް.ޓީ.އޯ ރެކްރިއޭޝަން ކްލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. މާދަމާރޭ ނުވަގަޑި ތިރީހުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ޕްރިސަން ރެކްރިއޭޝަން ކްލަބާއި އެޗް.ޑީ.ސީ، ހަމަ އެގަޑީގައި ކުޅެވިގެންދާ އަނެއް މެޗުގައި ބައްދަލުކުރާނީ ކްލަބް އިމިގްރޭޝަން އާއި ދިރާގުއެވެ. ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލް ބައްދަލުކުރާ މެޗު ކުޅެވޭނީ މިއަންނަ ހުކުރު ދުވަހުގެ ރޭ އަށްގަޑި ފަނަރާގައިއެވެ. ހަމަ އެގަޑީ ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ބީ.އެމް.އެލް އާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯލް ލިމިޓެޑްގެ ޓީމް ޖީ.އެމް.އައި.ޒެޑް.އެލް އާއި މޯލްޑިވިއަން ބައްދަލުކުރާ ދެވަނަ ބުރުގެ މެޗު ކުޅެވިގެންދާނީ ހުކުރު ދުވަހުގެ ރޭ ނަވަ ގަޑި ތިރީހުގައިއެވެ. ހަމަ އެގަޑީގައި ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި އޫރިދޫއެވެ.