ސިޔާސީ

ޕީޕީއެމް ފެއިލްކޮށްލި އެންމެން އިސްތިއުފާދެއްވުމަށް ނިހާން ގޮވާލައިފި


ޕީޕީއެމް ފެއިލްކޮށްލި އެންމެން އެޕާޓީގެ ލީޑާޝިޕް ދޫކުރައްވާ، އައު ލީޑާޝިޕަކަށް ފުރުޞަތުދިނުމަށް އެޕާޓިގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ގޮވާލައްވައިފިއެވެ.

ނިހާން މިކަމަށް ގޮވާލައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. ނިހާން މިހެން ވިދާޅުވެފައިވާއިރު އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިޚާބުވެސް ޕީޕީއެމަށް ވަނީ ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައެވެ. އަދި އެކަމާއި ގުޅިގެން ޕީޕީއެމްގެ ލީޑާޝިޕަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިނަމަވެސް ޕީޕީއެމްގެ ލީޑާޝިޕަށް އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައެއްނުވެއެވެ.

ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާދެއްވުމަށް ގޮވާލާ ނިހާން ކުރެވި ޓްވީޓެއްގައި ވިދާޅުވީ، 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި، މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބު ޕީޕީއެމަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުންކަމަށެވެ.

ނިހާން ވިދާޅުވީ، ޢާންމު މެންބަރެއްގެ ގޮތުގައި ޕީޕީއެމްގައި ހުންނަވައިގެން ރައްޔިތުންނަށް ސިޔާސީ ގޮތުން ޚިދުމަތްކުރުމުގައި ދެމިހުރެވޭތޯ މަސައްކަތްކުރައްވާނެކަމަށެވެ. އަދި ޕީޕީއެމްގެ ޢާންމު މެންބަރުންނަކީ އިޚްލާސްތެރިބައެއްކަމަށާއި، އެ މެންބަރުންނަށް އިތުރު ހިތާމައާއި ގެއްލުން ދިނުމަށް ޖާގައެއް ނެތްކަމަށްވެސް ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ތިންވަނަ ދައުރަކަށް ނިހާން ވާދަކުރެއްވީ އުފަން ރަށްކަމަށްވާ ތިނަދޫ ދެކުނު ދާއިރާއަށެވެ. ނަމަވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނިހާން މިހާތަނަށް ހުންނެވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށެވެ. އެ މަޤާމުން ނިހާން އިސްތިއުފާދެއްވާފައިވާއިރު، މިހާރު ހިނގަމުން މިދާ އަށާރަވަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުންވެސް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަން ގެއްލޭނެއެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ޕީޕީއެމަށް ލިބިފައިވަނީ 87 ދާއިރާގެ ތެރެއިން އެންމެ ފަސް ދާއިރާގެ ގޮނޑިއެވެ. އަދި އެޕާޓީއާއި ކޯލިޝަން ހަދާފައިވާ ޕީއެންސީއަށް ކާމިޔާބުކުރެވިފައިވަނީ 3 ދާއިރާގެ ގޮނޑިއެވެ. އެ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު، އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ޢަޙްމަދާއި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ޕީޕީއެމްއާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފަކަމަށް ވިދާޅުވެފައެވެ.