ޚަބަރު

ސައިކަލު ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވި މައްސަލަ ބަލަން ފަށައިފި


ސައިކަލެއްގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން މީހަކު ދުއްވާފައި ދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ރިންގު ރޯޑުގައި މީހަކު ރޭގަނޑު ގަޑީގައި ސައިކަލެއްގެ ވަށިގަނޑަކަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާފައިދާ ތަނެވެ. އެ ކުއްޖާ ވަށިގަނޑަށް ލާފައި އިންއިރު އެ ކުއްޖާ އިނީ އެއްވެސް އަތަކަށް ޖެހިނުލެވޭ ގޮތަށް ވަށިގަނޑުގައި ތާށިވެފައެވެ. ބައެއް ހިސާބުތަކުގައި ހަރުކޮށްފައި ހުރި ސްޕީޑު ބްރޭކަރު މަތިން ސައިކަލު އަރާއިރު ވަށިގަނޑުގައި އިން ތުއްތު ކުއްޖާ މައްޗަށް އަރާ ތިރިވާތަން ވީޑިއޯއިން ފެނެއެވެ.

ސައިކަލު ދުއްވަން އިން މީހާގެ މޫނު އެ ވީޑިއޯއިން ސާފުކޮށް ނުފެނުނު ނަމަވެސް އެމީހާއަށް ދިމާލަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެ މައްސަލަ ފުލުހުން ތަޙުޤީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރސް ކޮމާންޑުން އެ މައްސަލަ ތަޙުޤީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ސައިކަލު ދުއްވަން އިން މީހާގެ ލައިސަންސް ހިފެހއްޓުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ ކުޑަކުދިންނަށް އަދި މީހެއްގެ ފުރާނައަށް ނުރައްކާވާ ގޮތަށް ވެހިކަލް ދުއްވުމުން އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.