ޚަބަރު

ހުޅުމާލެ ސްވިމިންގްޕޫލް އާންމުންނަށް ހުޅުވާލުމުގެ މަޝްވަރާތަށް ދަނީ ކުރިއަށް - ޢަލީ ވަޙީދު



ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމްކޮށްފައިވާ ސްވިމިންގް ޕޫލް އާންމު ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތް ހެދުމަށް މަޝްވަރާތަށް ކުރިއަށްދާކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިސްވިމިންގް ޕޫލަކީ ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ޕޫލެކެވެ. ނަމަވެސް މިއީ އޮލިމްޕިކްސް ސައިޒްގެ ޕޫލެއް ނޫންނެވެ.

ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އެސޯސިއޭޝަންގެ މުބާރާތްތަކާއި ހާއްސަކޮށް ގައުމީ ޓީމްގެ ފަރިތަކުރުންތަށް ކުރާނެ ސްވިމިންގް ޕޫލެއް ނެތުމުގެ ޝަކުވާއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިސަރުކާރުން އޮލިމްޕިކް ސައިޒްގެ ޕޫލެއް ގާއިމް ކުރާނެކަމަށާއި އެކަމަށް މިހާރު ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ގައިމްކޮށްފައިވާ ސްވިމިންގް ޕޫލަކީ އޮލިމްޕިކް ސައިޒްގެ ޕޫލަކަށް ނުވިއަސް އެތަނަކީ ގައުމީ ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ޕޫލެއްކަމަށެވެ. އަދި ގައުމީ ޓީމްގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ރައްޔިތުންނަށްވެސް މިޕޫލް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީވެސް މިސަރުކާރުގެ އަމާޒެއްކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"މިހާރު މަޝްވަރާތަށް ދަނީ ކުރިއަށް. އޮލިމްޕިކް ސައިޒަށް މިޕޫލް ނުފެތުނަސް، މިޕޫލްއިންވެސް ގައުމީ ޓީމްތަކަށް ފަރިތަކުރުންތަށް ކުރިއަށް ގެންދެވޭނެ. މިސަރަހައްދުގެ ރައްޔިތުންނަށް އެންމެ ފަހުން ޕޫލްއަކަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑުގެ ބޭނުމަކީ އާންމު ރައްޔިތު މިހާއަށްވެސް ސްވިމިގް ޕޫލްއަށް އެރިލުމުގެ ފުރުސަތު ހޯދައިދިނުން. އޮލިމްޕިކް ސައިޒްގެ ޕޫލްއެއް މިސަރުކާރުން އަޅާނަން. މިއީ ރައީސްގެ ވައުދެއް." އަލީ ވަހީދު ބުންޏެވެ.

މިނިސްޓަރ ވިދާޅުވީ ޕޫލް އަޅާނެ ބިން މާލެއިން މިހާރު ހަމަޖެހިފައިވާކަމަށާއި ނަމަވެސް އެ ބިމަކީ އާބިޓްރޭޝަނުގައި އޮތް ބިމެއްކަމަށެވެ. އާބިޓްރޭޝަނުން ބިމުގެ މައްސަލަ ނިމި، ބިން ލިބުމާއެކު އޮލިމްޕިކް ސައިޒްގެ ޕޫލެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.