ސިޔާސީ

ދައުލަތުގެ ބަޖެޓްގެ %5 ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅަނީ


ދައުލަތުގެ ޖުމްލަ ބަޖެޓްގެ ފަހެއް އިންސައްތަ ކައުންސިލްތަކަށް ކަނޑައަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިިދިނުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެކަމށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ ކަންތައްކަމަށާ، ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ އިޞްލާޙުތައް ފާސްވުމާއެކު ލާމަރުކަޒީ ނިޒާމަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށެވެ.

އެގޮތުން އެންމެމުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން އަންނައިރު، ދައުލަތުގެ ޖުމްލަ ބަޖެޓްގެ މަދުވެގެން ފަހެއް އިންސައްތަ ކައުންސިލްތަކަށް ލިބޭނެގޮތަށް ކަނޑައެޅުމެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާސްގެ ދަށުގައިވާ ބިމާއި ފަޅާއި އެނޫންވެސް ތަންތަނުން ލިބޭ ޢާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބޭގޮތް ހައްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކައުންސިލަށް ޢައްޔަނުކުރާ މެންބަރުންގެ 33 އިންސައްތަ އަކީ އަންހެނުންނަށް ކަމުގައި ޤާނޫނުގައި ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

"ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ވަޢުދު. ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައިވާ ކައުންސިލްތަކުގެ ބާރުތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ދޫކުރަމުން. ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތައް މީހާރު މަޖިލީހަށް ހުށައަޅާފައިވާއިރު އިންޤިލާބީ ބަދަލެއް އަންނާނެ. މާލީ ބާރުވެރިކަންދީ ދައުލަތުގެ ބަޖެޓްގެ %5 ކަނޑައަޅަނީ ކައުންސިލްތަކަށްކަމަށް ވާނީ ބިލުގައި ކަނޑައަޅާފައި" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ސަރުކާރުގައި ރައްޔިތުންގެ ހައްގުތަކަށް އެންމެ ބޮޑަށް އަރަގެންފަިއި ވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ނާޖާއިޒުގޮތެއްގައި އެތަށް ބަޔަކަށް ފްލެޓްތައް ބަހާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެމައްސަލަތައް ބަލަމުން އަންނަކަމަށާ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުނިމޭއިރު ބޯހިޔާވަހިކަން ބޭނުންވާ އެންމެހައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ގޯތިދޫކުރިނަމަވެސް ގެ ނޭޅޭ މީހުން ގިނަކަމަށާ، އެފަދަ ފަރާތްތަކަށް ގެއެޅޭނެ ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.