ޚަބަރު

އީރާނުގެ އުޅަނދުތަކަށް ހުރަސްއެޅިޔަސް، ތެލުގެ ވިޔަފާރިން ރަނގަޅު އާމްދަނީއެއް


މާރިޗު މަހުގެ މެދުތެރޭގައި އީރާނުގެ އައު އަހަރު ފެށުނު ފަހުން ފާއިތުވެފައިވާ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ޤައުމަށް ތެލުގެ ވިޔަފާރިން ލިބިފައިވާ 7.5 ބިލިޔަން އެމެރިކާ ޑޮލަރު އެ ޤައުމުގެ މަރުކަޒީ ބޭންކަށް ޖަމާކޮށްފިއެވެ.

އެ ފައިސާއިން މި އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ބޭރު ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސޭނެ ކަމަށް އީރާނުގެ ތެލާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއިން ދަނީ އީރާނުގެ އުޅަނދުފަހަރަށް އެ ޤައުމުން ލަފާފުރާ ނުހެދޭނޭހެން ހުރަސްއަޅަމުންނެވެ. އޭގެ ސަބަބުން އީރާނުގެ ތެލުގެ އެކްސްޕޯޓަށާއި ކަނޑުމަގުުން ކުރާ ވިޔަފާރިއަށް ވަނީ ހުރަސްއެޅިފައެވެ. އެމެރިކާއިން އީރާނަށް މި ގޮތަށް ދަތިކުރި ނަމަވެސް، ތެޔޮ ވިއްކައިގެން އީރާނުން މި ހިނގަމުންދާ އަހަރު ހޯދުމަށް އަމާޒުހިފާފައިވާ ޢަދަދަށް އާމްދަނީ ލިބޭނެ ކަމަށް އެ ޤައުމުން ބުނެއެވެ.

މި އަހަރުގެ މާރިޗު މަހުގެ 21ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 22ވަނަ ދުވަހާ ހަމައަށް ވެސް އީރާނަށް ތެލުގެ ވިޔަފާރިން ލިބިފައިވާ އާމްދަނީ އެ މުއްދަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 99 އިންސައްތައާ ހަމައަށް ވަނީ ވާޞިލްވެފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައިގަނޑު އެއް މައްސަލައަކީ ތެލާއި ހަކަތަ އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައެވެ. ހަނގުރާމައިގެ ޙާލަތުގައި އީރާނުން ވަނީ އެ މަގު ބަންދުކޮށްފައެވެ. އޭގެ ސަބަބުން ބައިނަލްްއަޤްވާމީ ވިޔަފާރިއަށް ވަނީ ބޮޑެތި އަސަރުތައް ކޮށްފައެވެ. އެމެރިކާއިން ބުނަމުން ދަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވައިލައި މިނިވަން ކަމާއެކު އެ މަގުން ދަތުރުކުރެވޭނެ މަގު އީރާނުން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުން ހުއްޓައިލަން ޖެހެއެވެ. އީރާނުން ބުނަމުން ދަނީ އެމެރިކާއިން ޢަމަލުކުރަންޖެހޭ ގޮތަށް އެ ޤައުމުން ޢަމަލު ނުކުރާ ނަމަ އީރާނުން ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވައިނުލާނެ ކަމަށެވެ. އީރާނުން ކުރާ ޝަރުތުތަކުގެ ތެރޭގައި އީރާނުގެ އުޅަނދުފަހަރަށް ހުރަސް އެޅުން ހުއްޓައިލުމާއި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުން ހިމެނެއެވެ.