ސިޔާސީ

ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި އެންމެ ހެޔޮ ބަދަލެއް އައީ ފުލުހުންގެ މުއައްސަސާއަށް- ރައީސް


މި ސަރުކާރުގެ ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައިވަނީ ފުލުހުންގެ މުއައްސަސާއަށްކަމަށް ރައީސުލްޖުމްހޫރިއްުޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މުޖުތަމަޢުގެ އަމާންކަން ފުރިހަމަގޮތުގައި ދެމެހެއްޓޭނީ ކުށްކުރުމުން ކުށްވެރިޔާ ހައްޔަރުކުރުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވާ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީގެންކަމަށެވެ. އަދި ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމާއި، ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ ސަބަބުކަން ފާހަގަކުރައްވާ، އެކަންކަމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ މުއައްސަސާ އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައިކަން ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ފުލުހުން ސާބިތުކޮށްދޭ ޕްރޮފެޝަނަލް ނިޒާމާއި، ޤައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ސިޔާސަތުގެ ސަބަބުން އެ އިތުބާރު އަލުން ލިބެންފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމުގެ މި ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައި މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން އަޅުގަނޑު ފާހަގަކޮށްލަން. އެކަމަށްޓަކައި ތި ހުރިހާ ފުލުހުންނަށް އަޅުގަނޑޫ މަރުހަބާ ދަންވަން. " ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުންގެ މުއްއަސަސާ އިސްލާހުކުރުމުގެ މަސައްކަތް މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އަންނަކަމަށް ވިދާޅުވެ ރައީސް ވަނީ، ސަރުކާރުގެ ފުރަތަމަ މަސައްކަތު ސަތޭކަ ދުވަހު ފުލުހުންގެ މުއައްސަސާއިން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާކަން ފާހަގަކުރައްވާފައެވ. އަދި ކުރިއަށް އޮތް ފަސްއަހަރަށް ފުލުހުން އެކުލަވާލި ސްޓްރެޓެޖިކް ޕްލޭންގައި އެންމެ މުހިންމުކަމަކަށް ހިމަނުއްވާފައިވަނީ ފުލުހުންނާމެދު ގެއްލިފައިވާ އިތުބާރާއި ޔަޤީންކަން އުފެއްދުންކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަން ހާސިލްވުމުން ކުށްތަކަށް އަރައިގަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތަށް މީހުން އިތުރުކުރުމާއި ވަސީލަތް ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މ ވިދާޅުވިއެވެ.

"ފުލުހަކާ ބައްދަލކުވާއިރު ރައްޔިތުންނަށް ކުރެވެންވާނީ އަމާންކަމާއި ބިރެއްނެތްކަމުގެ އިޙްސާސް. ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ލޯތްބާއި އިޙްތިރާމް އުފެދެންފަށާނީ އިތުބާރު އުފެދިގެން." ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފުރިހަމަ ވަސީލަތް މަދުނަމަވެސް ރައީސް ވަނީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރާ އެއްބަޔަކީ ފުލުހުންކަން ފާހަގަ ކުރައްވާ ފުލުހުންގެ ފަރާތުން ނަތީޖާ ފެންނަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ ނަތީޖާއަކީ ރައްޔިތުންނަށް ހަމަޖެހިގެން އުޅޭވޭނެ މާހައުލެއް ޤާއިމްކުރެވުންކަމަށް ރައީސް ވިދާޅުވިއެވެ. ޢަދި ފާއިތުވި ތަނުގައި ފުލުހުންގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީ އޮތީ ވަރަށް ބިރުވެރި ސިފައެއްގައިކަމަށާއި، ނަމަވެސް މި ސަރުކާރު އައުމަށްފަހު ފުލުހުންގެ ޚިދުމަތަށް ގެނައި ހެޔޮ ބަދަލުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާކމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.