ޚަބަރު

ހަލް ސިޓީ ދެވަނަ މެޗުންވެސް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީ ކުޅުނު މެޗު އެ ޓީމުން ކަމިޔާބުކޮށްފިއެވެ.

ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ސިޓީ އާއި ދެކޮޅަށް ހަލް ސިޓީ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމަކީވެސް މި ފަހަރު ލީގަށް އަލަށް ޕްރޮމޯޓްވި ދެ ޓީމެވެ.

ކޮވެންޓްރީ ސިޓީގެ ދަނޑުގައި އެއްތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ލިއާމް މިލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކޮވެންޓްރީ ސިޓީ މި މެޗުން ބަލިވި ނަމަވެސް އެ ޓީމުން ވަނީ މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަލް ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ކޮވެންޓްރީ އާއި އަލަށް ގުޅުނު ޓައިވޯ އަވޮނިޔީ ފޮނުވާލި ނުރައްކާތެރި ހަމަލާ ހަލްގެ ގޯލުކީޕަރު ކޮންސްޓަންޓިނޮސް ޒޮލަކިސް ވަނީ މަތަކޮށްފައެވެ. މީގެ އިތުރުންވެސް މި މެޗުގައި އޭނާވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ.

ކޮވެންޓްރީ ސިޓީ އަތުން ހަލް ސިޓީ މޮޅުވިއިރު އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ވެސް ބަލިކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ބޯންމަތު ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައެވެ.

ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 41 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބޯންމަތު އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސް ސްކޮޓް އެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންގަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި ޖޭމްސް ޓާކޯސްކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.