ސިޔާސީ

ސަރުކާރުގެ މަސައްކަތްތައް ލަސްވާކަމަކަށް ޤަބޫލެއްނުކުރަން - ރައީސް


މި ސަރުކާރުގެ ނިންމުންތަކާއި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ލަސްކަމަށް ބުނެ ބަޔަކު ފާޑުކީ ނަމަވެސް އެކަން ޤަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ 41ވަނަ އަހަރީ ދުވަހު ހޭޔަންބޯ ޕްރޮގްރާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމައްޗަށް ކަމެއް ނިންމުމަށް އައުމާއެކު އެކަމަކުން ނިކުންނާނެ ނަތީޖާއާއި މެދު ވިސްނަވާކަމަށާއި، ކުއްލިއަކަށް ނިންމަންޖެހޭ ނިންމުންތަކުންވެސް ނިކުންނާނެ ނަތީޖާއަށް ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.

އެމަނިކުފާނުގެ ޢާންމު ދިރިއުޅުމުގައިވެސް އަމަލުކުރައްވަނީ އެގޮތައްކަން ފާގަކުރައްވާ ރައީސް ވިދާޅުވީ، އަވަސް އަރުވާލައިގެން ކަންކަން ނިންމުމަށްފަހު ނުވަތަ ވަކި ގޮތަކަށް ކަމެއް ނިންމުމަށްފަހު އެކަމެއް ބަދަލުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ރައްޔިތުންނަށް ވާނެކަމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑު ތަންކޮޅެއް "ސްލޮއޭ". މާލަހޭ ސަރުކާރު ދާލެއް. އަޅުގަނޑަކަށް އެތަނެއް ނުފެނޭ. ޚާއްޞަކޮށް ވެރިކަމުގައި ހުރެ ސަރުކާރުން ކަމެއް ވަކިގޮތަކަށް ނިންމާފައިވާނަމަ، ޚާއްޞަކޮށް ހުރިހާ ރައްޔިތުންނަށް ވާގޮތަށް ކަމެއް ނިންމާފައި އެ ނިންމާ ނިންމުން ބަދަލުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ވާނެކަމެއް. ކަމެއް ކުރިމައްޗަށް އައުމުން ބޮޑުކަމެއް އައުމުން އެއީ ހައްލު ހޯދޭނެކަމެއްކަން އަޅުގަނޑު ޤަބޫލުކުރަނީ. މީގަ ހައްލު ހޯދޭނެ. ހައްލު ނުހޯދޭނެކަމެއް ނޯންނާނޭ. ވިސްނީމަ ހައްލު ފެންނާނޭ. ވަރަށް ޕޮޒިޓިވް މައިންޑެއްގައި ކަންތައްތައް ކުރެވެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާހަކަ ދައްކަައިގެން ޙައްލު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ.. އަދި އެމަނިކުފާނު ނިންމާ ކޮންމެ ނިންމުމެއްގައި އިސްކުރައްވާނީ ރައްޔިތުންކަމަށާއި، އެމަނިކުފާނަކީ އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލައްވާނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބަލައި ގަންނާނީވެސް ހަޤީޤަތާއި އެއްގޮތަށް ވާހަކަދައްކާ މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެކަމަށް ޤަބޫލުކުރަނީ ތެދުވެރިކަމާއެކުގައި ކަންތައްތައް ހާމަކުރުން. އޮޅުވާލުމެއް ނެތި. ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުން. ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެކަމެއް ނޯންނާނެ. ކޮންމެ ކަމެއްވެސް ހައްލުކުރެވޭނެ. އެކަންކަން އިސްކުރާފަރާތްތައް ބަލައިގަންނަނީ. ސުލްހަހާއިއެކު އޮޅުވާނުލާ ހަޤީގަތާއެއްގޮތަށް ވާހަކަދައްކާ މީހުން ބަލައިގަނެވެނީ."

ހޭޔަންބޯ ޕްރޮގްރާމްގައި ރައީސް ވަނީ އެމަނިކުފާނު ޓީވީއެމްގައި ކުރެއްވި މަސައްކަތްޕުޅުގެ ހަދާން އާއުކުރައްވާ މިހާރުގެ މީޑިއާގެ ހާލަތާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވިދާޅުވީ، ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިއާތަކަކީ ވީހާވެސް ފުޅާދާއިރާއެއްގައި މިނިވަންކަމާއެކު ފުރުޞަތު ލިބިފައި އޮތް ވަކި ފަރާތަކަށް ބުރަ ނުވެ ތެދު ހަޤީގަތް ހާމަކުރާ ބަޔަކަށްވެގެން ދިއުންކަމަށެވެ.. ރައީސް ވަނީ ސަރުކާރުން އެއްވެސް ނުފޫޒެއް މީޑިއާއަކަށް ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.