ޓުއަރިޒަމް

އެސް.އީ.ޒެޑާއި ގުޅޭ ގަވާއިދުތައް މި ފެށޭ ހަފްތާގައި ގެޒެޓް ކުރަނީ


އެސް.އީ.ޒެޑް ނުވަތަ ޚާއްސަ އިޤްތިޞާދީ ސަރަހައްދުތައް ކަނޑައެޅުމުގެ ގާނޫންގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކެއް ނިންމައި، މިހަފްތާގެ ތެރޭގައި ގެޒެޓްކުރެވޭނެކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ، ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކާއިބެހޭ ގަވާއިދުތައް ގެޒެޓްކުރުމަށްފަހު އެކަމަށް އުފައްދާ އޮފީސްވެސް މިހަފްތާގެ ތެރޭގައި ހުޅުވޭނެކަމަށާއި، އެއަށްފަހު މަސައްކަތްތަށް ވަރަށް ބާރަށް ފަށައިގަނެގެން ކުރިއަށްދާނެކަމަށެވެ.ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކާ ބެހޭ ގާނޫންގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންނާއި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި، ޑިވަލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިންޔާތައް އެ ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެއެވެ. ނަމަވެސް އެއަށް އަމަލުކުރެވިގެންދާނީ ޚާއްސަ އިޤްތިޞާދީ ސަރަހައްދުތަކާއި ބެހޭ ހިންގާ ގަވާއިދު ގެޒެޓްކުރެވުމުންނެވެ.މިނިސްޓަރ ވިދާޅުވީ ޚާއްސަ އިޤްތިޞާދީ ސަރަހައްދުތަކުގައި އިންވެސްޓްކުރުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އެގޮތުން ދުބާއީގެ ޕޯޓްސް ވޯލްޑްއިން އެސަހައްދުގައި ފްރީ ޓްރޭޑް ޒޯނެއް ގާއިމްކުރާނެކަމުގެ ޔަގީންކަން ސަރުކާރަށް ދީފައިވާކަން މިނިސްޓަރ އަދީބް ފާހަގަކުރެއްވިއެވެ.މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއާއި ގުޅޭގޮތުން މިނިސްޓަރ އަދީބް ވިދާޅުވީ،މިހާރު ރާއްޖެއައިސް އުޅޭ ބޮސްޓަން ކޮންސަލްޓިންގ ގުރޫޕޫން އިހަވަންދިއްޕޮޅުގައި ގާއިމްކުރާ އައިހެވަން މަޝްރޫއަށް ބޭނުންވާ ދެ ދިރާސާއެއް ކުރިއަށް ގެންދާނެކަމަށެވެ.ބީސީޖީ ޓީމުން އިހަވްދިއްޕޮޅުގައި ހަދާ ދިރާސާތަކުގެ ތެރޭގައި، އިހަވަންދިއްޕޮޅަކީ އިންވެސްޓަރުން އިންވެސްޓްކުރުމަށް ކިހާ ޝައުގުވެރި ތަނެއްތޯއާއި، އެތަނުގައި އެންމެ އެކަށީގެންވަނީ ކޮންކޮން މަޝްރޫއުތަކެއްތޯ ބަލާނެއެވެ. އެފަރާތުން ކުރާ ޓެކްނިކަލް ފީސިބިލިޓީގެ ތެރޭގައި އެސަރަހައްދުގެ ފުންމިނާއި އެތަން އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ އިތުރަށް، ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ހަ ކޮމްޕޯނެންޓަކީ އެސަރަހައްދުގައި ތަރައްގީކުރަން އެންމެ އެކަށޭނަ ކަންކަންތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ. އަދި އައިހެވަން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިއްކިދާނެ ބިމުގެ ބޮޑުމިނާއި އެ ކަމަށް ހޭދަވާނެ ފައިސާގެ އަދަދު ވެސް އެފަރާތުންކުރާނެ ދިރާސާތަކުގެ ތެރޭގައި ހިމެނޭނެކަމަށް މިނިސްޓަރ އަދީބް ވިދާޅުވިއެވެ.