ތަޢުލީމު

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި


ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އެ ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވި ތާޖް ރަން އާއި ތާޖް އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ތާޖް ރަން ދުވުމުގެ ހަރަކާތް ފަށާފައި ވަނީ ސޯޝަލް ސެންޓަރ ޞަރަހައްދުންނެވެ. އަދި އެނިވަރސަރީގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ ހެންވޭރު ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެކި ދުވަސްވަރު ތާޖުއްދީން ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުންނާއި އެ ސްކޫލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ތާޖުއްދީން ސްކޫލްގައި 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ފިލާވެސް ދީފައިވެއެވެ. އެފަރާތް ތަކަށް ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތާޖުއްދީން ސްކޫލްގެ އެނިވަރސަރީ މެގަޒިންވެސް އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އެ ސްކޫލާއި ގުޅޭގޮތުން ޚާއްޞަ ކުއިޒެއް ވެސް ބާއްވާފައިވެއެވެ.