ޚަބަރު

އެމެރިކާގެ ގިނަ ޑިމޮކްރެޓުން ޔަހޫދީންނަށް އެހީވުމާ ދެކޮޅު


އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ގިނަ ސަޕޯޓަރުން، އެމެރިކާ ސަރުކާރުން ޔަހޫދީންނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމާ ދެކޮޅުކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ ބުދަ ދުވަހު ޝާޢިއުކުރި އެ ދިރާސާއިން ދައްކާ ގޮތުގައި، ޑިމޮކްރެޓިކް ޕާޓީގެ ދަފްތަރުގައި ތިބި ވޯޓުލާ މީހުންގެ 75 އިންސައްތަ މީހުން، އެމެރިކާއިން ޔަހޫދީންނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމާ ފާޅުގައި ދެކޮޅެވެ.

އަދި އޭގެތެރެއިން 50 އިންސައްތަ މީހުން، އެމެރިކާއިން ޔަހޫދީންނަށް މާބޮޑަށް ވާގިވެރިވާކަމަށް ޤަބޫލުކުރެއެވެ.

އެ ދިރާސާގައި ބައިވެރިވި މީހުން 95 އިންސައްތަ މީހުން އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ އާ ދެކޮޅުކަން ވެސް ހާމަކޮށްފައިވެއެވެ.

މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާގެ މާލީ އަދި އަސްކަރީ އެހީއަށް ޔަހޫދީން އަބަދުވެސް ބަރޯސާވެއެވެ.

ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ޔަހޫދީންނާ މެދު ހިތްހަމަނުޖެހުން ފަހަކަށް އައިސްވަނީ އިތުރުވާން ފަށައިފައެވެ.

އެގޮތުން، މި ދިރާސާގައި ބައިވެރިވި 60 އިންސައްތަ މީހުން ބުނީ، ޔަހޫދީންގެ ޖަރީމާތަކުގައި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ނިކަމެތިކަމާމެދު ހަމްދަރުދީވާ ކަމަށެވެ.

ޑިމޮކްރެޓުންގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ވެސް ޔަހޫދީންނާ މެދު އޮތް ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

މިގޮތުން، މިދިޔަ މަހުގެ ތެރޭގައި ޝާޢިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން 18 އަހަރާއި 49 އަހަރުގެ ރިޕަބްލިކަން ސަޕޯޓަރުންގެ 57 އިންސައްތަ މީހުން ޔަހޫދީންގެ ޢަމަލުތަކާމެދު މިހާރު ހިތްހަމައެއްނުޖެހެއެވެ.