މާލޭގެ ފަސް ސަރަހައްދެއްގައި އައުޓް ޑޯ ޖިމްތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖޭގައި އައުޓް ޑޯ ޖިމް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވީ މާލޭގެ ފަސް ސަރަހައްދެއްގައި އައުޓް ޑޯ ޖިމް ހެދުމަށް ބިން ލިބިފައިވާކަމަށާއި އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. އެއީ އެމްޑަބްލިއުއެސްއީ ކުރިމަތީގައި ހަދާ ޖިމްއަކާއި ވެސްޓް ޕާކް އާއި ބްރިކް ކައިރީގައި ހަދާ ޖިމްގެ އިތުރުން ގަލޮޅު ސިޓީ ޕާކްގައި ހަދާ ޖިމެކެވެ.
އައްސަދު އަލީ ވިދާޅުވީ މިހާރު އަމީނީމަގު އެމްޑަބްލިއުއެސްއީ ކުރިމަތީގައި ހަދާ ޖިމްގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އައުޓް ޑޯ ޖިމްތަކެއް ހެދުމުގެ ބޭނުމަކީ ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައުއެއް ބިނާ ކުރުންކަމަށާއި ރައްޔަތުންނަށް ވީހާވެސް ފަސޭހައިން ކަސްރަތު ކުރުމުގެ އިންތިޒާމް ހަމަޖެއްސުންކަމަށް އައްސަދު ވިދާޅުވިއެވެ.
ސަންދުރެސްގެ ނަމުން މިޖިމްތަކަށް ނަންދީފައިވާއިރު އަންނަ އާދިއްތަ ދުވަހު އެމްޑަބްލިއުއެސްއީގެ ކުރިމަތީގައި ގާއިމްކޮށްފައިވާ ޖިމް ހުޅުވުމަށްވެސް ހަމަޖެހިފައިވާކަމަށް އައްސަދު އަލީ ވިދާޅުވިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކިއެކި ރަށްރަށުގައިވެސް މިފަދަ ޖިމްތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މުޅި ރާއްޖޭގައި މިފަދަ ޖިމްތަކެއް ހެދުމަށްވަނީ ހަމަޖެހިފަ. އެންމެ ފުރަތަމަ މިބަލަނީ އާބާދީ ބޮޑެތި ރަށްރަށް. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުދުއްފުށީގައިވެސް ވަރަށް އަވަހަށް ޖިމް ހެދުމުގެ މަސައްކަތް ފެށިގެންދާނެ. މިޖިމްތަކުގެ އެންމެ ބޮޑު ބޭނުމަކީ ގިނަ ފަރާތްތަކަށް އެއްވެސް އަގެއް ނެތި ކަސްރަތު ކުރުމުގެ ފުރުސަތު ހޯދައިދިނުން. އުމުރުން ދުވަސްވީ މީހުން ގިނަގިނައިން ކަސްތަރު ކުރުމަކީ ދުޅަހެޔޮ އަދި ހަށިހެޔޮކޮށް ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމުކަމެއް." އައްސަދު އަލީ ބުންޏެވެ.