ދިރާގު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފަނަރަ އަހަރުން ދަށުގެ ބައިގައި އިއްޔެ ކުޅުނު މެޗުތައް އިމާދުއްދީން ސްކޫލް އަދި ރެހެންދި ސްކޫލް ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އިމާދުއްދީން ސްކޫލް ނުކުތީ އިސްކަންދަރު ސްކޫލާއި ދެކޮޅަށެވެ. މި މެޗު އިމާދުއްދީން ސްކޫލުން ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިމާދުއްދީން ސްކޫލުން ޖެހި ހަމައެކަނި ލަނޑު އެ ސްކޫލަށް ޖަހައިދިނީ، އަހުމަދު ރީހާން މުހައްމަދެވެ.
ފަނަރަ އަހަރުން ދަށުގެ ބައިގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ޑީ ގެ ރެހެންދި ސްކޫލާއި ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. މި މެޗުން ތިން ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ރެހެންދީ ސްކޫލުންނެވެ. ރެހެންދި ސްކޫލްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ، އުބައިދުﷲ އިބްރާހިމް އަދި މުހައްމަދު ދާއިފް ޝަމޫންގެ އިތުރުން އާދަމް ޝިޔާން މުހައްމަދެވެ. ޢިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހަމައެކަނި ލަނޑު އެ ސްކޫލަށް ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ އަހުމަދު އަލާއު ޝާމިންއެވެ.
ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ސޯޅަ ސްކޫލަކުން ބައިވެރިވެފައި ވާއިރު މި ސޯޅަ ސްކޫލް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. އަދި ކޮންމެ ސްކޫލަކުންވެސް މިހާރު ވަނީ މުބާރާތުގައި އެއް މެޗު ކުޅެފައެވެ. އެގޮތުން އެއް މެޗު ކުޅެ ނިމުނުއިރު ގްރޫޕް އޭއިން އެއްވަނައިގައި ތިން ޕޮއިންޓާއި ގޯލުގެ ތަފާތުން ޖަމާލުއްދީން އެއްވަނައިގައި އޮތް އިރު ގްރޫޕް ބީގެ އެއްވަނައިގައި ދަރުމަވަންތަ އޮތީވެސް ތިން ޕޮއިންޓާއި ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ. ގްރޫޕް ސީގެ އެއްވަނައިގައި އޮތް މަޖީދިއްޔާ ސްކޫލަށްވެސް އެއްވަނަ ލިބެނީ ހަމަމިގޮތަށެވެ. އަދި ގްރޫޕް ސީގެ އެއްވަނައިގައި ރެހެންދި ސްކޫލް އޮތީ ތިން ޕޮއިންޓާ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ.