ޚަބަރު

ޗައިނާގެ ސީޕީޑީއޭއިން ނޫސްވެރިންނަށް ކުރިޔަށް ގެންދާ 2 ޕްރޮގްރާމެއް ފަށައިފި


އޭޝިޔާ ފެސިފިކް އަދި އެފްރިކާގެ ޤައުމުތަކުގެ ނޫސްވެރިންނަށް ޚާއްސަކޮށްގެން ޗައިނާ ޕަބްލިކް ޑިޕްލޮމަސީ އެސޯސިއޭޝަން (ސީޕީޑީއޭ)އިން ކުރިޔަށް ގެންދާ 2 ޕްރޮގްރާމެއް ބެއިޖިންގައި ފަށައިފިއެވެ.

ދިހަ މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިދެޕްރޮގްރާމުގައި އޭޝިޔާއާއި ފެސިފިކަށް ނިސްބަތްވާ ސޯޅަ ނޫސްވެރިންނާއި އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ ތިރީސް ހަތަރު ނޫސްވެރިން ބައިވެރިވެއެވެ.
މި ދެޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެއިޖިން ޑިޕްލޮމެޓިކް ރެޒިޑެންސް ކޮންޕައުންޑުގެ ޖިއާންވާއި މީޑިއާ ސެންޓަރގައެވެ.

މިރަސްމިއްޔާތުގައި ދެޕްރޮގްރާމުގައި ބައިވެރިންގެ އިތުރުން ސީޕީޑީއޭއާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖެއިން ޗައިނާއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެކި ޤައުމުތަކުގެ އެންބަސީތަކުގެ ސަފީރުންނާއި، އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ޗައިނާ އިންޓަނޭޝަނަލް ޕްރެސް ކޮމިއުނިކޭޝަން ސެންޓަރ ސީއައިޕީސީސީ 2019ގެ ނަމުން ކުރިޔަށް ގެންދާ މިދެ ޕްރޮގްރާމުގެ ތެރެއިން އޭޝިޔާ ޕެސިފިކް ޤައުމުތަކަށް ޚާއްސަ ޕްރޮގްރާމުގައި ރާއްޖޭގެ ޕަބްލިކް ސާރވިސް މީޑިއާގެ ނޫސްވެރިޔާ ފާޠިމަތު ސާރާ އާއި އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާނާ، ބަންގްލަދޭޝް، ނޭޕާލް، ފިލިޕީންސް، ކެންބޯޑިއާ، ލާއޯސް، މޮންގޯލިއާ، މިއަންމާ، ފިޖީ އަދި ޓޮންގާގެ ނޫސްވެރިން ބައިވެރިވެއެވެ.

މި ދެ ޕްރޮގްރާމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާ ޕަބްލިކް ޑިޕްލޮމަސީ އެސޯސިއޭޝަން (ސީޕީޑީއޭ)ގެ ނައިބް ރައީސް، ހޫ ޒެންޔޫ ވިދާޅުވީ މިދެޕްރޮގްރާމަކީ ޗައިނާއިން އޭޝިޔާ ފެސިފިކާއި އެފްރިކާގެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކެއްކަމަށެވެ.

މިޕްރޮގްރާމުގެ ދިހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގައި ހިނގާ އެކިކަންކަމުގެ މައްޗަށް ޕްރޮގްރާމާއި، ޚަބަރު ހެދުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމުގެ އިތުރުން ޗައިނާގެ ސަޤާފަތާއި ތާރީޚާއި ޗައިނާގެ ބަސް ދަސްކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ޗައިނާގެ ކޮންމެވެސް އެއްމީޑިއާއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ.

ޗައިނާ ސަރުކަރުން ހިންގާ ޗައިނާ ޕަބްލިކް ޑިޕްލޮމަސީ އެސޯސިއޭޝަން (ސީޕީޑީއޭ)ގެ މި ދެޕްރޮގްރާމުގެ ތެރެއިން އެފްރިކާގެ ޤައުމުތަކުގެ ޕްރޮގްރާމް ހިންގާތާ މިއީ ފަސްވަނަ އަހަރެވެ. އަދި އޭޝިޔާއާއި ޕެސިފިކްގެ ޤައުމުތަކުގެ ޕްރޮގްރާމް ހިންގާތާ މިއީ 3ވަނަ އަހަރެވެ.