ޚަބަރު

ރީޖަނަލް ހޮސްޕިޓަލްތަކުގައި ކަށީގެ އެކި އޮޕަރޭޝަންތައް ކުރެވޭނެގޮތް ހެދުން މުހިންމު- ޑރ.މުޒުނީ


ހުޅު ބަދަލުކުރުމާއި ކަށީގެ ތަފާތު އޮޕަރޭޝަންތައް ކުރުމަށް އައި.ޖީ.އެމް.އެޗުގެ ކިއުލިސްޓްގައި ތިބޭ މީހުންގެ އަދަދު މަދު ކުރުމަށްޓަކައި، ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ޚިދުމަތް ފުޅާކުރުން މުހިންމުކަމަށް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ކަށީގެ ހާއްޞަ ޑޮކްޓަރ، ޑރ.ޢަލީ މުޒުނީ ވިދާޅުވެއްޖެއެވެ.

ޑރ.މުޒުނީ މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިއްޔެ ފެށި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޑރ.ޢަލީ މުޒުނީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ސީ.އީ.އޯ ޑރ.މުހައްމަދު ވަޙީދާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރުގެ އިތުރުން ބައެއް ނަރުހުންވެސް ބައިވެރިވިއެވެ.

ޑރ މުޒުނީ ވިދާޅުވީ އައި.ޖީ.އެމް.އެޗުން ހުޅުބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ވަރަށް ގިނަ ދުވަހު ކިއުގައި މަޑުކުރަން ޖެހޭ ކަމަށާ، ބައެއް ފަހަރު ކިއު ނަންބަރު ޖެހޭ އިރު އެނދެއްވެސް ނުލިބޭކަމަށެވެ. މިއީ ބަލިމީހާގެ ބަލިބޮޑުވެ ވޭނުގައި ގިނަ ދުވަސް ހޭދަކުރަން ޖެހޭ ކަމަކަށްވާއިރު މިކަން ހައްލުކުރުމަށްޓަކައި ރީޖަނަލް ހޮސްޕިޓަލްތަކުގައި މިޚިދުމަތްތައް ލިބޭނެގޮތް ހެދުން މުހިންމު ކަމަށް ޑރ.މުޒުނީ ވިދާޅުވިއެއެވެ.

"
"މިހާރުން މިހާރަށް އަޅުގަނޑުމެންނަށް އައި.ޖީ.އެމް.އެޗް ގައި ދިމާވާ އެންމެ ބޮޑުކަމަކީ އެނދުގެ ދަތިކަން. އަޅުގަނޑުމެން މިސާލަކަށް މީހަކު އޮޕަރޭޝަނެއް ކުރަން އެޑްމިޓްކުރަންޏާ ވެއިޓިންގަ އެތައް ދުވަހެއް މަޑުކުރަންޖެހޭ. މީގެން ދިވެހިންނަށް ވާނެ އެންމެ ބޮޑު ފައިދާ އަކަށްވާނީ މިހާ ދިގު މުއްދަތެއްގައި މަޑު ނުކޮށް މިއޮޕަރޭޝަންތައް ކޮއްދެވުން. ރާއްޖޭގަ މި ޚިދުމަތް ދޭންޖެހޭ އެންމެން އައި.ޖީ.އެމް.އެޗަށް ގެނެސްގެން ހިދުމަތް ދެވޭނެ ފެސިލިޓީސް އެއްނެތް. އައި.ޖީ.އެމް.އެޗުގައި ފެސިލިޓީސް އެބަހުރި. އެހެންނަމަވެސް މި އެންމެން ގެނެސްގެން މިގޮތަށް ހިދުމަތް ދެވެންނެތީ. މިކަމަށް މިވަގުތަށް އޮތް ހައްލަކީ އަތޮޅުތެރޭގަ ކުރެވޭ ކަހަލަ ކަންތައްތައް ކުރުން."
ކަށީގެ ޙާއްޞަ ޑރ.ޢަލީ މުޒުނީ

ކަށީގެ އެކި އޮޕަރޭޝަންތައް ކުރުމަށް ގިނަ އަދަދެއްގެ މީހުން މާލެ އަންނައިރު، އައިޖީއެމްއެޗުގައި ނަންނޯޓުކޮށް ގިނަ ބަޔަކު އަބަދުވެސް ކިއުގައި ތިބޭކަން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިއްޔެއާއި މިއަދު 3 މީހެއްގެ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައިވާއިރު މި ތިން އޮޕަރޭޝަންވެސް ވަރަށް ކާމިޔާބުކަމަށް ޑރ މުޒުނީވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން އިއްޔެ ފަށާފައިވާއިރު މިހާރުވެސް ތަފާތު ގިނަ އޮޕަރޭޝަންތަކެއް އެހޮސްޕިޓަލްގައި ކުރަމުންގެދެއެވެ. އަދި ވަރަށްފަހުން ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއްވެސް ވަނީ ހުޅުވާ ޚިދުމަތްދޭންފަށާފައެވެ.