ޚަބަރު

އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި


ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ކެނޑިޑޭޓުން އަންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލާފައި މިވަނީ، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެވޭގޮތަށް ސުޕްރީމް ކޯޓުން ޢަމުރުކުރުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވެފައިވާ ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވާދަކުރުމުގެ ފުރުޞަތު އިލެކްޝަނުން ހުޅުވާލަން އަމުރުކުރާކަމަށެވެ.

އިންތިޚާބުގައި ވާދަކުރުމަށް އިތުރު ފުރުޞަތެއް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު އަންނަ މަހުގެ ފަސްވަނަ ދުވަހު ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުލުން އޮންނާނެކަމަށް އީސީން ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.