ޚަބަރު

ނޭޕާލްގައި ފެންބޮޑުވުން: ގެއްލުންތަކަށް 5 ބިލިޔަން ޑޮލަރު


މި ހަފުތާގައި ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަނެ، އަލުން އާރާސްތުކުރުމަށް 4 ބިލިޔަން އެމެރިކާ ޑޮލަރާއި 5 ބިލިޔަން ޑޮލަރާ ދެމެދު ޢަދަދެއް ބޭނުންވާނެ ކަމުގައި އެ ޤައުމުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ، މިއީ އެ ޤައުމުގެ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދެއް ކަމުގައެވެ. އަދި، ފެންބޮޑުވުމުގައި ލިބުނު ގެއްލުންތައް އަދިވެސް ވަޒަންކުރަމުންދާއިރު، 2015 ވަނަ އަހަރު ކުރިމަތިވި ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވި ޢަދަދަށްވުރެ، މި ފަހަރުގެ ކާރިސާގައި ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ހޭދަވާނެ ޢަދަދު ކުޑަވާނެ ކަމުގައި އޭނާ އަންދާޒާ ކުރައްވައެވެ.

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ގޮސް، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި، ނޭޕާލްގެ އިތުރުން ޓިބެޓުން މަރުވި މީހުންގެ ޢަދަދު ވަނީ 600 އަށް އުފުލިފައެވެ. އަދި، 3,000 އެއްހާ މީހުން ގެއްލިފައިވާ ކަމުގައި ނޭޕާލްގެ އިތުރުން ޗައިނާގެ އިދާރާތަކުން ބުނެއެވެ. މި ހާދިސާގައި ނޭޕާލާއި ޓިބެޓް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ގިނަ އަވަށްތަކެއް ސުންނާފަތިވެ، މަގުތަކާއި ބުރިޖުތަކަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާގައި ނޭޕާލުގައި ފެނުން ކަރަންޓު އުފައްދާ ނިޒާމަށް ވެސް ބޮޑު ގެއްލުންތަކެއް ލިބިފައިވާއިރު، އެ ޤައުމުގައި އުފައްދާ ކަރަންޓުގެ %12 ޙިއްޞާކުރާ މަރުކަޒުތަކަށް ގެއްލުންވެ، ޚިދުމަތް މެދުކެނޑިފައިވާ ކަމުގައި އިދާރާތަކުން ހާމަކުރެއެވެ. ނޭޕާލަކީ ޤުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑު ޤައުމެކެވެ. މި ގޮތުން، 2015 ވަނަ އަހަރު އެ ޤައުމަށް އައި ބާރުގަދަ ބިންހެލުމެއްގައި 9,000 އެއްހާ މީހުން މަރުވެފައިވާއިރު، އެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 9 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވިއެވެ. ނޭޕާލުގެ އިޤުތިޞާދު ބިނާވެފައި ވަނީ، ޤައުމުން ބޭރުގައި މަސައްކަތްކުރާ މީހުން ފޮނުވާ ފައިސާގެ އިތުރުން ހަކަތައިގެ ދާއިރާއަށެވެ. ފެންބޮޑުވުމާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގާތްގަނޑަކަށް 5 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަން އެ ޤައުމުން ހާމަކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ އިޤުތިޞާދަށް ބޮޑު ލޮޅުމެއް ކުރިމަތިވާނެ ކަމުގައި މަސްރަޙުގެ ދާރިސުން ޤަބޫލުކުރެއެވެ.