ޚަބަރު

އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ކުރާ މަޝްވަރާތައް މި ހަފުތާއަށްވެސް ތާވަލުކޮށްފި


އަފްޣާނިސްތާނުގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރުގެ ވާހަކަތައް މި ހަފުތާގައި ޤަތަރުގައި ކުރިއަށްދާނެ ކަމަށާއި އެ ވާހަކަތަކުގައި ޠާލިބާން ޖަމާޢަތުގެ ސިޔާސީ ލީޑަރު މުއްލާ ޢަބްދުލް ޣަނީ ބަރަދާރް ބައިވެރިވާނެކަމަށް ޤަތަރުން ބުނެފިއެވެ.

ޤަތަރުގެ ޑިޕްލޮމެޓުން ބުނެފައިވަނީ ޠާލިބާނުންނާއި އެމެރިކާއާ ދެމެދު ބާއްވާ މަޝްވަރާތައް ހޯމަ ދުވަހު ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްގެންދާނެކަމަށް ބެލެވޭކަމަށާއި، އެ ކަން އަދި ކަށަވަރުކޮށްދޭން ނޭނގޭކަމަށެވެ. މީގެ އިތުރުން ޤަތަރުގެ އޮފިޝަލުން ބުނެފައިވަނީ މި ހަފުތާގެ ވާހަކަތަކުގައި ބޮޑަށް އަލިއަޅުވާލައްވާނީ އަފްޣާނިސްތާނުގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ކަމަށްވެސް ބެލެވޭކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ ހުސްވި މަހު ޤަތަރުގައި އެމެރިކާ އާއި ޠާލިބާނުންނާ ދެމެދު ކުރިއަށްގެންދިޔަ މަޝްވަރާތަކަކީ މިހާތަނަށް ދެ ފަރާތުގެ ދެމެދު ކުރިއަށްގެންދިޔަ އެންމެ ބިނާކުރަނިވި އަދި އުފެއްދުންތެރި މަޝްވަރާތައްކަމަށެވެ. އަދި އެމެރިކާއިން ވަނީ ޠާލިބާނު ޖަމާޢަތް އުފެއްދުމުގައި އިސް ދައުރެއް އަދާކުރި އެ ޖަމާޢަތުގެ ދުވަސްވީ އެއް ލީޑަރު ކަމަށްވާ ބަރަދާރާ މަޝްވަރާކުރަން ބޭނުންވާކަމަށް ކުރިންވެސް ބުނެފައެވެ.

ޕާކިސްތާނުގައި ޖަލުގައި ހައްޔަރުކޮށްފައި ހުރި ބަރަދާރް މިނިވަންކޮށްފައިވަނީ ހުސްވި އޮކްޓޯބަރު މަހުގައެވެ. އެއަށްފަހު އޭނާ ޠާލިބާނުންގެ ސިޔާސީ ލީޑަރުގެ މަޤާމަށް ހަމަޖެއްސުން ވެގެންދިޔައީ ސިޔާސީ ރޮނގުން އެ ޖަމާޢަތުން އިތުރު މަސައްކަތްތައް ކުރަން ބޭނުންވިކަމުގެ ފެހި ސިގުނަލަކަށް ކަމަށްވެސް މުރާސިލުން ބުނެއެވެ.