ޚަބަރު

ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ ވޯޓު ބާޠިލްވާގޮތަށް އިޞްލާޙު ހުށައަލައިފި


އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓުކަރުދާހުގައި ކެނޑިޑޭޓާއި ދިމާލުގައި ރަނގަޅު ފާހަގަފިޔަވާ އިތުރު އެހެން އެއްވެސް ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ބާޠިލްވާގޮތަށް އިޞްލާހެއް ހުށަހަޅައިފިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް މިއިޞްލާޙު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އިތުރު އެއްވެސް ނިޝާނެއް ނުވަތަ ކުރެއްހުމެއް ކުރަހައިފިނަމަ ވޯޓު ބާޠިލްކުރަން މީގެ ކުރިންވެސް އިޞްލާޙުތައް ހުށައަޅާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް އިޞްލާޙެއް ފާސްވެފައެއްނުވެއެވެ.

އަނެއްކާވެސް އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް ޝާހިދު ހުށައެޅުއްވި އިޞްލާޙުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެނޑިޑޭޓަކާ ދިމާލުގައި ރަނގަޅު ފާހަގަޖެހުމުގެ އިތުރުން، ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަޖަހައި ނުވަތަ ކުރެހުން ކުރަހާފައި ހުންނާތީ ވޯޓު ދިން ފަރާތުގެ ސިއްރުކަން ގެއްލޭކަމަށެވެ.

އެހެންކަމުން އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ އިންތިޚާބުތަކުގައި ލާ ވޯޓަކީ ސިއްރު ވޯޓެއްކަން ކަށަވރުކުރުމަށްކަމަށްވެސް ޝާހިދު އިޞްލާޙު ހުށައެޅުއްވި މަޤްޞަދުގައި ބަޔާންކުރައްވާފައިވެއެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނަށް މިއިޞްލާޙު ހުށަހަޅުއްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ ދުވަސްވަރެއްގައެވެ.